ބ. ކެންދޫ ކައުންސިލް ރައީސް އިބްރާހިމް އަބްދުއްރަހްމާންގެ ސައިކަލު ކަނޑު ފައްތާލި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ބ. ކެންދޫ ގެއެއްގެ ކައިރީ ބަހައްޓާފައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައެއް އޭޕްރީލް 16، 2026 ވަނަ ދުވަހުގެ ހެނދުނު 10:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި ރިޕޯޓާ ގުޅިގެން ސައިކަލު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސައިކަލު ފެނިފައި ވަނީ ކެންދޫ ފަޅުތެރެއިންކަމަށް ފުލުހުން ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.
މި ހާދިސާ އާއި ގުޅިގެން އިބްރާހިމް ވަނީ މިއީ ސިޔާސީ ހިޔާލު ތަފާތުވުމެއްގެ ތެރެއިން ހިނގާފައިވާ ކަމެއްކަމުގައި ވިދާޅުވެފައެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ގޮނޑި ކާމިޔާބުކުރެއްވި އިބްރާހީމް ވަނީ މިއީ އިންތިހާބުގައި ބަލިވި ފަރާތަކުން ހަސަދަވެރިވެ ކުރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ސިޔާސީ ހިޔާލުތަފާތުވުންތަކާއި ގުޅިގެން މިފަދަ ހާދިސާތައް މަދުން ނަމަވެސް ރާއްޖޭގައި ހިނގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
