މަސައްކަތުގެ ދާއިރާގައި އުޅޭ މީހުންގެ ތުނބުޅި ގްރޫމް ކުރުމަށް ހައްލު ގެނެސް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ބ. ކެންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސައްކަތްތެރިން ބޭނުންވާ ވަރަށް ބައިވަރުކަންކަން އެބަހުރި ކަމަށާއި މަސައްކަތުގެ މާހައުލުގައި ލިބެން ޖެހޭ ރައްކާތެރިކަން ގާނޫނީ ގޮތުން ފަހިކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ މީގެ ކުރީގެ ވައުދުފުޅެއްގެ ގޮތުގައި ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ބިލް ރައްޔިތުން މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި ރިޔާސީ އިންތިހާބަށް ފަހު މަސައްކަތްތެރިންގެ ހައްގުގައި ފާސްކުރަން ޖެހޭ ބިލުތައް ފާސްކޮށް، މި އަހަރުގެ ތެރޭގައި އެއަށް އަމަލުކުރެވޭ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި މަސައްކަތުގެ ދާއިރާގައި އުޅޭއިރު ހެދުން އެޅުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެއީވެސް ބޭނުންވާ ކަމެއް ކަމަށާއި އެގޮތުން ތުނބުޅި ގްރޫމް ކުރުމާ ގުޅިގެން ހިޔާލު ތަފާތު ވިޔަސް ވިޔަފާރިވެރިންނާއެކު ވާހަކަ ދައްކައިގެން ހައްލު ގެނެސްދެއްވާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ދަތުރުފުޅުގައި ބ. އަތޮޅުގެ 12 ރަށަށް ވަޑައިގެނެވުނު ކަމަށާއި ކަށަވަރުވެ، ޔަގީންވީ ބ އަތޮޅުގެ ބޮޑު ޣައުލަބިއްޔަތެއް އެ ކޯލިޝަނާއެކު ނިމިފައިވާ ކަމަށާއި ސީރިއަސް ކަމާއެކު އިންތިހާބު ކާމިޔާބުކުރަން ނިކުމެތިބީ މަދު ކެންޑިޑޭޓެއް ކަމަށެވެ. އަދި އަނެއް ބައި ކެންޑިޑޭޓުން ކުރިމަތިލާފައި ވަނީ މި އިންތިހާބު ދެވަނަ ބުރަކަށް ގެންދިއުމަށް ބައިބައިވުން އުފެއްދުމަށް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތަކެއް ހުރިކަން ފުރަތަމަ ދުވަހުވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް މަޝްވަރާއާއި ލަފާގެ މަތިން އެކަންކަން ހައްލުކުރެވޭނެ ކަމަށެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނަގަން ފެށި ޓެކްސްއަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ޓެކްސް ނަގަން ފެށުމުގެ ކުރިން އެމަނިކުފާނުގެ ލަފާ އެއްސެވި ކަމަށާއި ވިޔަފާރިވެރިން ރުޅި އައިސްދާނެތީ އެކަން ނުކުރަންވެސް އުޅުއްވި ކަމަށެވެ. އެހެންނަމަވެސް އެ ދުވަހުވެސް ރައީސް ސޯލިހު ވިދާޅުވީ ސަރުކާރު ހިނގޭނީ ޓެކްސް ނަގައިގެން ކަމަށް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ސޯލިހު ވަނީ ކެންދޫގައި އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުން ބިން ހިއްކެން އޮތް އެންމެ ބޮޑުކޮން ބިން ހިއްކާ ފްލެޓް އަޅައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ދޮންވެލި އަޅާ ބީޗެއް ހަދައިދެއްވާނެ ކަމަށާއި ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކެންދޫ ފަޅާއި ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ބަނދަރު ބޮޑުކޮށް ފަތާފެންގަނޑުގެ މަސައްކަތް ނިންމާ ފުރިހަމަތަނަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ކެންދޫ ޒުވާނުންގެ ޖަމިއްޔާތައް އެއް ފުރާޅެއްގެ ދަށުގައި މަސައްކަތް ކުރެވޭނެ ގޮތް ހަދައިދިނުމާއެކު މަސް ޕްރޮސެސްކުރުމަށް މަސްވެރިންނަށް ލުއިލޯން ފޯރުކޮށްދިނުމަށް ވެސް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.