އެޗްޑީސީއާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާ ގުޅިގެން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން)ގައި ދިރިއުޅޭ ފަރާތްތައް މުޖްތަމައަށް އަހުލުވެރިކޮށް، ރީއިންޓަގްރޭޓް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެޗްޑީސީއިން ބުނީ މިއީ އެޗްޕީއެސްއެންގައި ދިރިއުޅޭ ފަރާތްތައް އަނބުރާ މުޖްތަމައުއަށް ދޫކޮށްލުމުގެ ކުރިން އެ މީހުން މުޖްތަމައުއަށް އަހުލުވެރި ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ 17 ފަރާތެއް ހުޅުމާލެއަށް ގެނެސް އެމީހުންނަށް މުޅި ހުޅުމާލެ ދައްކާލައި، ބެލެނިވެރިކަމުގެ ދަށުން އާންމު ދިރިއުޅުމުގައި ބައިވެރިވެ އެކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު އެޗްޑީސީއިން ވަނީ މިއަދު ފަހިކޮށްދީފައެވެ. އަދި އާއިލީ މާހައުލެއްގައި ކެއުމުގެ އިންތިޒާމުތައް ކުރިއަށް ގެންދިޔުމުގެ ގޮތުން ހުޅުމާލޭގައި ދިރިއުޅޭ ބައެއް އާއިލާތަކާއެކު މިއަދުގެ މެންދުރު ކެއުން ކުރިއަށް ގެންގޮސްފައިވާކަން އެޗްޑީސީއިން ފާހަގަކުރެއެވެ.

މީގެއިތުރުން އާންމުންނާ އެކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު ވެސް މި ދަތުރުގެ ތެރެއިން އެމީހުންނަށް ފަހިކޮށްދީފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި މުޅި ދުވަސް އެއްކޮށް ނިންމާލީ ހަވީރުގެ ސަޔާއެކު، ސެންޓްރަލް ޕާކުގައި އެފަރާތްތަކަށް ހާއްސަކުރެވިފައިވާ ހަރަކާތްތަކާއެކުގައެވެ.

އެޗްޑީސީއިން ބުނީ މިނިވަންދުވަހަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ފުޅަނދުތައް ބަލާލުންވެސް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އަދި މިވަގުތު މަރުކަޒުގައި ތިބި ފަރާތްތަކަށް ޒަރޫރީ ބައެއް ސާމާނު އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން ވަނީ ހަދިޔާކޮށްފައެވެ.

އެޗްޑީސީއިން ފާހަގަކުރި ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ ފަރާތްތައް މިއަދު ހުޅުމާލެއަށް ކުރި ޒިޔާރާތުގެ ކުރިން، ހެލްތް މިނިސްޓްރީގެ މެންޓަލް ހެލްތް ޑިޕާޓްމެންޓްގެ ބޭފުޅުންނާއެކު އެޗްޑީސީގެ ސްޓާފުން އަދި މެނޭޖްމަންޓުން ވަނީ މިދިޔަ ހަފްތާގައި ގުރައިދޫ މަރުކަޒުގެ ހާލަތު ބަލާފައެވެ.