ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގައި ގާއިމުކޮށްްފައިވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި އާންމުކޮށްފިއެެވެ.

އެޗްޑީސީ އިން ބުނީ މިއީ އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށާއި، ކުންފުނީގެ މާލީ ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ކުރެވިފައިވާ ކަމެއް ކަމަށެވެ. މީގެއިތުރުން މި ކަމުގެ ސަބަބުން އެޗްޑީސީން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރުވެސް ރަނގަޅުވެގެން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެއާއެކު އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންނަށް އެެއްވެސް އެހެން މާލީ އިދާރާއަކުން ކްރެޑިޓް ދޫކުރުމުގެ ކުރިން ނުވަތަ އާ ކުރުމުގެ ކުރިން މާލީ އިދާރާތަކުން އެފަރާތްތަކުގެ ކްރެޑިޓް އިވެލިއޭޓް ކުރާނެ ކަމަށް ބުނެފައެވެ. އެހެންކަމުން އެޗްޑީސީން ވަނީ ކަސްޓަމަރުން މިކަމަށް ސަމާލުވުމަށާއި އެޗްޑީސީއަށް ގަވައިދުން ފައިސާ ދެއްކުމަކީ މުހިންމު ކަމެއް ކަމުގައި ބުނެފައެވެ.

އެޗްޑީސީން ވަނީ ކުންފުނީގެ މުއާމަލާތްތައް ހާމަކަން ބޮޑު އަދި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ އެ ކުންފުނީގެ އަމާޒު ކަމަށާއި މިކަމަށް ކަސްޓަމަރުން ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.