ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ރިޓަޔާކުރެއްވި ނަމަވެސް އެޗްޑީސީއާއެކު ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލު ވިދާޅުވެއްޖެއެވެ.
މައުރޫފް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑީއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މައުރޫފް ވިދާޅުވީ ވިސްނުމަކީ ފުލް ރިޓަޔާމެންޓްއަކަށް ދިއުން ނޫން ކަމަށެވެ. އަދި އެމްޑީގެ މަގާމުން ރިޓަޔާކުރި ނަމަވެސް ބޭނުންވެވަޑައިގަންނަވަނީ އެޗްޑީސީގެ އެޑްވައިޒާ ނުވަތަ އެހެން މަގާމެއްގައި ވެސް އެޗްޑީސީއާ އެކު ކުރިއަށް ދިއުން ކަމަށް މައުރޫފް ވިދާޅުވިއެވެ.
ރިޓަޔާމެންޓް އުމުރު ކައިރިވެފައި ވަނިކޮށް އެޗްޑީސީގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެން ސަބަބުތައް މައުރޫފް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އެ ކަމުގެ މުހިންމު ކަމާއި އެޗްޑީސީއަށް އިސްލާހުތަކެއް ގެނަން ހުރުމާއި ރައީސަކު އެދިވަޑައިގަތުމުން އެކަން ބަލައިގަންނަން ޖެހޭނެކަން ގަބޫލުކުރެއްވުމުގެ އިތުރުން ކިތަންމެ ކުޑަ ދުވަސްކޮޅެއް ނަމަވެސް ކޮށްދެވޭނެ ކަންކަން ހުރިކަން ޔަގީންވުން އެކަމުގެ ސަބަބުތަކުގެ ގޮތުގައި މައުރޫފް ފާހަގަކުރެއްވިއެވެ.
މައުރޫފް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެތް އިރުވެސް މަގުސަދަކީ ރިޓަޔާކުރައްވަން ކައިރިވެފައި ހުރި ނަމަވެސް އެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް އެޗްޑީސީގެ ލަނޑުދަނޑިތަކެއް ހާސިލްކުރުން ކަމަށެވެ. އަދި މައުރޫފަށް އިތުބާރު ކުރައްވާ އެދިލެއްވި ކަންކަމުގައި ރައީސްގެ ފުރިހަމަ އެއްބާރުލުން ދެއްވި ކަމަށް މައުރޫފް ވިދާޅުވިއެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެސް ކުރެވުނު މަސައްކަތާމެދު ހިތްހަމަ ޖެހޭކަން މައުރޫފް ފާހަގަކުރެއްވިއެވެ. އެގޮތުން ހުޅުމާލެ ލޭންޑްޔޫސް ޕްލޭނަށް ބަދަލުގެނައުން، އެޗްޑީސީގެ ހިންގުން ހަރުދަނާކުރުން، މިކަހަލަ ލަނޑުދަނޑިތައް ހާސިލް ކުރެވިފައިވާކަން މައުރޫފް ފާހަގަކުރެއްވިއެވެ.