އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ ސަރަހައްދީ މަރުކަޒެއް ކަމަށްވާ އޭޝިއަން އެންޑް ޕެސިފިކް ސެންޓަ ފޮ ދަ ޑިވެލޮޕްމަންޓް އޮފް ޑިޒާސްޓާ އިންފޮމޭޝަން މެނޭޖްމަންޓް (އަޕްޑިމް) ގެ ގަވަނިން ކައުންސިލްގެ ޗެއާއަކަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެއެވެ.
ރާއްޖެ މި މަގާމަށް އިންތިހާބުވެފައި ވަނީ އިންޑިއާގެ ނިއުދިއްލީގައި މިހާރު ކުރިއަށްދާ އަޕްޑިމްގެ ގަވަނިން ކައުންސިލްގެ 11 ވަނަ ސެޝަންގައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ދައުރުގައި ޗެއާގެ ހައިސިއްޔަތުން ރާއްޖެއިން އިސްކަންދޭނީ ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށާއި، ކާރިސާތަކުގެ ޑޭޓާ ބެލެހެއްޓުމުގެ ނިޒާމުތައް ހަރުދަނާކުރުމަށެވެ. މީގެއިތުރުން، ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމުތަކަށް އިސްކަންދިނުމަށް ވެސް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
އަދި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށާއި ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ކެޕޭސިޓީ ބިލްޑިން އާއި ވަސީލަތްތައް ހޯދުމަށް ރާއްޖެއިން ވަކާލާތު ކުރަމުންދާނެ ކަމަށް ވެސް އެންޑީއެމްއޭ އިން ފާހަގަކޮށްފައި ވެއެވެ.
މި ސެޝަންގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓްރީ އޮފް ޑިފެންސްގެ ސްޓޭޓް މިނިސްޓަރު އާއިޝަތު ސަފޫރާ ވިދާޅުވީ، މިއީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުގެ ނުރައްކާ ބޮޑު ރާއްޖެ ފަދަ ނާޒުކު ޖަޒީރާ ގައުމަކަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގައި ޑިޒާސްޓަރ އިންފޮމޭޝަން މެނޭޖްމަންޓްގެ ނިޒާމުތައް ބައްޓަންކުރުމުގައާއި، ސަރަހައްދީ ގައުމުތަކާ ގުޅިގެން މައުލޫމާތާއި ވަސީލަތްތައް ހިއްސާކުރުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
