ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަންނަމުންދާތީ ފެންހިއްކުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ، ހިންނަވަރު ކައުންސިލްގެ އިސްނެގުމުގެ މަތިން ރަށުގެ އެކި ސަރަޙައްދުތަކުން ފެންހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ. އަދި ފެންވަންނަމުންދާ ގެތަކަށް އިތުރަށް ފެން ނުވަންނާނެހެން ހުރަސްއެޅުމުގެ ގޮތުން ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ޑިޒާސްޓާއިން ވަނީ މައުލޫމާތު ދީފައެވެ.
ހަމަ އެހެންމެ ފެންބޮޑުވުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށާއި، މި ހާލަތުން އަރައިގަތުމަށް އިތުރު އެހީތެރިކަން ބޭނުންވާތީ، އެމްއެންޑީއެފްގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މައުލޫމާތު ދީފައި ވެއެވެ.
މޫސުން ގޯސްވެ، މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދު މެންދުރު 2:00އިން ފެށިގެން އިރުއޮއްސި ހައެއް ޖަހަންދެން ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.
ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
