ހ. އުނިހިޔާގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަނަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ)އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އުނިހިޔާގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރު 15:12 ހާއިރުއެވެ. އެ ރިޕޯޓް ލިބުމާ ގުޅިގެން މާލެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން، 16:19 ހާއިރު އެވެ.
މި ހާދިސާގައި އަލިފާން ރޯވި ތިންވަނަ ފަންގިފިލާގެ އިތުރުން، އެ ގޭގެ ހަތަރުވަނަ، ފަސްވަނަ އަދި ހަވަނަ ފަންގިފިލާއަށް ވެސް އަލިފާނުގެ އަސަރު ކޮށް، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެ އިމާރާތުގައި ދިރިއުޅޭ 23 މީހަކަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ކަމާބެހޭ އިދާރާއިން ހަމަޖައްސާދީފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ ބޮޑެތި 20 މީހުންނާއި 3 ކުޑަކުދިންނެވެ. މީގެ އިތުރުން، އެންމެ ބޮޑަށް ގެއްލުން ލިބުނު 4 ވަނަ ފަންގިފިލާގައި ދިރިއުޅޭ 7 މީހަކަށް ކުއްލި އެހީގެ ގޮތުގައި އަންނައުނުގެ އެހީތެރިކަން ވެސް ވަނީ ފޯރުކޮށްދީފައެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ދުމުގެ އަސަރު ބޮޑުވެ، އަވަށްޓެރި ބައެއް ގެތަކުން މީހުން ހުސްކުރަން ޖެހުނު ނަމަވެސް، އިމާރާތުގެ އަލިފާން އިތުރަށް ފެތުރިގެން ދިޔަނުދީ ވަނީ ހުއްޓުވާފައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބެއް ކަމަށް މިހާތަނަށް ބެލެވިފައިވަނީ ކަރަންޓު ޝޯޓެއް ވުމުން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
