އިޒްރޭލުން އީރާނުގެ އުމްރާނީ ވަސީލަތްތަކާއި އާންމު އިމާރާތްތަކަށް ވަރުގަދަ ހަމަލާތައް ދެމުން ގެންދާއިރު އީރާނުގެ ރައްދު ހަމަލާގައި އެމެރިކާގެ މަސްލަހަތަކަށް ހަމަލާ އަމާޒު ވެއްޖެ ނަމަ ހަނގުރާމައަށް އެމެރިކާ ވަންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ހިފެހެއްޓުމެއް ނެތް ތާއީދު އިޒްރޭލަށް ކުރައްވައި އަދި ބޮޑުވަޒީރު ބިބީ (ބެންޖަމިން ނަތަންޔާހޫ) އާ ގާތް ގުޅުމެއް ބާއްވަވާ އެމެރިކާގެ ރައީސް މި މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް ނަތަންޔާހޫ ބުނެފައި ވަނީ، އީރާނަށް ހަމަލާ ދިނުމުގައި ޓްރަމްޕާ ސީދާ މަޝްވަރާތައް ކުރާ ކަމަށެވެ. އަދި ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވެއްދުމަށްޓަކައި ފަހިވާނެ ގޮތަށް ވާހަކަތައް ބައްޓަން ކުރަމުން ނަތަންޔާހޫ ބުނެފައި ވަނީ، ޓްރަމްޕަކީ އެފަދަ ދެވަނައެއް ނެތް ލީޑަރެއް ކަމަށާއި، އީރާނުން އުޅެނީ ޓްރަމްޕް އަވަހާރަ ކޮށްލަން ކަމަށެވެ. އަދި އިޒްރޭލާއި އެމެރިކާ ނައްތާލުމަކީ، އީރާނުގެ އެންމެ މަތީ މަސްލަހަތު ކަމަށް ބުނެވެސް އީރާނަކީ ނުރައްކާ ބައެއްގެ ގޮތުގައި ސިފަކޮށް ޓްރަމްޕަށް ވިސްނައިދޭން މަސައްކަތް ކޮށްފައި ވެއެވެ. މީގެ 30 އަހަރު ކުރިން ވެސް ކިޔަމުން ދާ ގޮތަށް އީރާނުން ނިއުކްލިއާ ހަރިޔާރު ހެދުމާ ހަމައަށް ގޮސްފައި ވާ ކަމަށާއި 10 ދުވަސް ދިނަސް ހަތިޔާރު އުފައްދާނެ ކަމަށް ބުނެވެސް ވާހަކަ ދައްކާފައި ވެއެވެ.
އީރާނާއި އިޒްރޭލާ ދެމެދު ބަދަލު ކުރާ ހަމަލާތަކުގައި، އީރާނުންވެސް ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އިރު، އިޒްރޭލުގެ ސީދާ މެދުތެރެ އަށާއި ބަނދަރުތަކަށް ވަރުގަދަ ހަމަލާ ދީ ގެއްލުންތަކެއް ދީފައި ވެއެވެ. އިޒްރޭލަށް ހަމަލާ ދިނުމަށް އީރާނުން ބޭނުން ކުރާ ޑްރޯންތަކާއި ކުދި މިސައިލްތަކާ ހިލާފަށް ބޭނުންކުރާ ބެލެސްޓިކް މިސައިލްތަކަކީ އަޑަށް ވުރެ 15 ގުނަ ބާރަށް ދަތުރުކުރާ ނުވަތަ ގަޑިއަކު 1800 ކިލޯމީޓަރުގެ ރާސްތާއެއް ލިބިފައި ވާ މިސައިލްތައް ކަމުން އެ މައިތިރި ކުރުމުގައި އިޒްރޭލު ވަނީ ނުކުޅެދިފައެވެ.
އީރާނުގެ ހަމަލާތައް ނާކާމިޔާބު ކޮށްލުމުގައި އީރާނާއި އިޒްރޭލާ ދެމެދަށް ވާގޮތަށް އޮންނަ އުރުދުން އިން މުހިންމު ދައުރެއް އަދާ ކުރަމުންދާ އިރު، އީރާނުން ފޮނުވާލައި ގިނަ ހަމަލާތައް ވައިގެތެރޭގައި ނައްތާލަނީ އުރުދުން އާއި އިޒްރޭލު ގުޅިގެންނެވެ.
ހަމަލާތަކުގައި އިޒްރޭލުން 15 މީހަކު މަރުވެ 380 މީހަކު ޒަހަމްވެފައި ވާ އިރު އީރާނުން ވަނީ 224 މީހަކު މަރުވެ 1484 މީހަކު ޒަހަމްވެފައެވެ.
މިހަމަލާތައް 3 ވަނަ ދުވަހަކަށް ދެމިގެން ދާއިރު ޓްރަމްޕް، އޭނާގެ ޓްރުތް ސޯޝަލްގައި ވިދާޅުވެފައި ވަނީ، އީރާނުން ހަމަލާ ދެމުން ގެންދާއިރު އެމެރިކާގެ މަސްލަހަތަކަށް އެއްވެސް ގޮތަކުން ހަމަލާއެއް އެރުން ނުވަތަ ގެއްލުމެއް ލިބިއްޖެ ނަމަ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަންނާނެ ކަމަށެވެ.
އިޒްރޭލުގައި އެމެރިކާގެ 7 ލައްކަ މީހުން ދިރިއުޅޭ އިރު، އެމެރިކާގެ މަސްލަހަތުތައް އިޒްރޭލުގައި ގިނައެވެ. އަދި މެދުއިރުމަތީގެ އެކިއެކި ގައުމުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި އިރު، އެއިން ކޮންމެ ތަނަކީ އައި އެއިން ކޮންމެ މީހަކާ ގުޅިފައި ވާ ކަންކަމަކީ މަސްލަހަތުކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.
މިވާހަކަތަކުގެ އިތުރުން ޓްރަމްޕް ވިދާޅުވަނީ، ދާދި އަވަހަށް އިޒްރޭލާއި އީރާނު ސުލްހަ ވާނެ ކަމަށާއި އެކަން ކުރުވުމަކީ އެމެރިކާއަށް ދާދި ފަސޭހަވެސް ކަމެއް ކަމަށެވެ. އެ ވާހަކަތަކުގެ ތަފްސީލުތަކެއް ނުދެއްވި ނަމަވެސް އޭނާ ވަނީ ސުލްހައިގެ މެދުވެރިއެއްގެ ރޯލު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އަށް އަދާކުރެއްވިދާނެ ކަމަށް ވިދާޅުވެފައެވެ.
މި ހަނގުރާމަ އާ ގުޅިގެން ޕުޓިން ވަނީ ގަޑިއެއްހާއިރުގެ ކޯލެއްގައި ޓްރަމްޕާ ވާހަކަ ދައްކަވާފައެވެ. އެކޯލާ ގުޅޭ މައުލޫމާތު ހާމަ ކުރަމުން ރަޝިއާ އާއި އެމެރިކާގެ މީޑިއާތަކުން ބުނީ، އީރާނަށް އިޒްރޭލުން ހަމަލާ ދިނުން ޕުޓިން ކުށްވެރި ކުރެއްވި ކަމަށާއި، ހަނގުރާމަ ފުޅާވިޔަ ނުދިނުމަށް ޓްރަމްޕަށް ބާރުއެޅުއްވި ކަމަށެވެ. އަދި ޓްރަމްޕްގެ ވާހަކައިގައި އިޒްރޭލުން ދިނީ ކާމިޔާބު ހަމަލާއެއް ކަމަށް ވިދާޅުވި ކަމަށާއި ސުލްހަ ކުރުމުގެ މަސައްކަތުގައި ޕުޓިންއަށް އިސް ދައުރެއް އަދާކުރެއްވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށެވެ.
އިޒްރޭލުން އީރާނަށް ހަމަލާ ދިނުމުގެ މުގާބިލުގައި އީރާނުން މި ދޭ ހަމަލާތަކާއި އިޒްރޭލަށް މިހާރު ލިބެމުން ދާ ގެއްލުންތަކަށް ބަލާއިރު މިއީ 1973 އަށް ފަހު އިޒްރޭލު ނުދެކޭ ވަރުގެ ބޮޑެތި ގެއްލުންތަކެކެވެ. އިޒްރޭލުގެ އާންމު ބައެއް ރައްޔިތުންނާ ހަމަލާދީ ޗައިނާގެ ޗީޖީޓީއެން އަދި އެމެރިކާގެ ފޮކްސް އިން ރިޕޯޓް ކޮށްފައި ވާ ގޮތުން، މިއީ އެމީހުންގެ ހިތަށްވެސް ނުގެނެވޭ ވަރުގެ ގެއްލުންތަކެވެ.