އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ އާ ބިލުގައި ކަނޑައަޅާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ އިމިގްރޭޝަންގެ ގާނޫނަކީ މިހާރުގެ ހުރި އެކި އެކި ބޭނުންތަކާއި ރިކުއާމަންޓްތަކަށް އެކަށީގެންވާ ގާނޫނަކަށް ނުވާތީއާއި، އިމިގްރޭޝަންގެ ހިދުމަތްތައް ތަރައްގީކޮށް މުވައްޒަފުންގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ވަރަށް ގިނަ ކަންކަން ހިމަނައިގެން އާ ބިލެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
މި ބިލާ ގުޅޭގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކޮށްފައިވާ ބައެވެ. އެމަނިކުފާނު ވިދާޅުވީ، ކުރިން ގާނޫނުގައި 7 އޮކްޓޫބަރުގެ ހާދިސާއާ ގުޅިގެން ވަކި ހާލަތެއް ބަދަލުވަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް އޮތް ނަމަވެސް، އަލަށް ހުށަހެޅި ބިލުގައި އެއްވެސް ހާލަތަކަށް ރިއާޔަތްނުކޮށް، ވަކި ކަމަކާ ގުޅުވުމެއް ނެތި މުތުލަގަށް އިޒްރޭލް ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭނެކަން ވަރަށް ސާފުކޮށް ކަނޑައަޅާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ހަތުލުއާންމަކީ (ޖެނޮސައިޑަކީ) އެއްގޮތަކަށްވެސް ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަން. އެހެންވީމާ ރާއްޖޭގެ އިމުގެ ތެރެއަށް އެ ޤައުމުގެ އެއްވެސް މީހަކަށް އާދެވޭގޮތް ވުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން، މި ސަރުކާރުގެ ސިޔާސަތެއް ނޫން،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގްވާމީ ކޯޓުތަކުގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވެ ވަކާލާތު ކުރަމުންދާ ކަމަށާއި، ބައިނަލްއަގްވާމީ އެކި ފޯރަމްތަކުގައި ވެސް ރާއްޖޭގެ ސިޔާސަތު ވަރަށް ސާފުކޮށް ހާމަކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ދިވެހި ހުރިހާ ރައްޔިތުންވެސް ފުރިހަމައަށް ތާއީދުކުރާ ސިޔާސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އާ ބިލުގައި ހިމެނޭ ދެވަނަ މުހިންމު ނުކުތާއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ 'އިންވެސްޓާ ވިސާ' އާ ގުޅޭ ސިޔާސަތެވެ. އެގޮތުން، ރާއްޖެއަށް އަންނަ އިންވެސްޓަރުންނަށް ދިގު މުއްދަތަކަށް އެއްފަހަރާ ވިސާ ދިނުމުގެ ބަދަލުގައި، ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ފަސް އަހަރަކުން އެ ވިސާ އާކުރާ ގޮތަށް ހަމަޖެއްސުން ކަމަށް ވިދާޅުވިއެވެ. އަދި ފަސް އަހަރު ފަހުން ވިސާ އާކޮށް ދެވޭނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އެ ފަރާތުން އަމަލުކޮށްފައިވާ މިންވަރަށާއި، އިންވެސްޓްމަންޓްގެ ކުރިއެރުމަށާއި، ދައުލަތުގެ މަސްލަހަތަށް ފުރިހަމައަށް ބެލުމަށްފަހު ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޖިލީހަށް ހުށަހެޅިފައިވާ މި ބިލަކީ ރާއްޖޭގެ އިމިގްރޭޝަން ދާއިރާ ތަރައްޤީކޮށް ޒަމާނީ ކުރުމަށްޓަކައި ވަރަށް ގިނަ މުހިންމު އިސްލާހުތަކެއް އެކުލެވިގެންވާ ފުޅާ ބިލެއް ކަމަށެވެ.
