މި އޮކްޓޯބަރު މަހު ބާއްވާ އިޒްރޭލުގެ އާންމު އިންތިހާބުގެ ކުރިން އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ތާއީދުކުރެއްވުމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ހޯމަ ދުވަހު ދެކޮޅުހައްދަވައިފިއެވެ. އިޒްރޭލުގައި ބާއްވާ މި އިންތިހާބުގައި ނަތަންޔާހޫއަށް ތާއީދުކުރެއްވުމުގެ ބަދަލުގައި، އެ ކަންކަމުގެ ތެރެއަށް ވަދެވަޑައިނުގެން ދުރުގައި ހުންނެވުމަށް ނައިބު ރައީސް ވަނީ އިހުތިޔާރުކުރައްވާފައެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖޭޑީ ވެންސް ވިދާޅުވީ ބޭރު ގައުމެއްގެ އިންތިހާބީ ކަންކަމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ވުރެ ބޮޑަށް އެމަނިކުފާނު އިސްކަންދެއްވަނީ އެ ކަންކަމާ ދުރުގައި ހުންނެވުމަށް ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެމަނިކުފާނުގެ ހުރިހާ ސަމާލުކަމެއް އަމާޒުކުރައްވާފައިވަނީ އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިހާބަށް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ނަތަންޔާހޫއަށް ތާއީދުކުރެއްވުމަށް ޖޭޑީ ވެންސް ދެކޮޅުހެއްދެވީ، ނޫސްވެރިޔާ މާކް ހެލްޕެރިންއާއެކު ހޯމަ ދުވަހު ބޭއްވެވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ. މި އިންޓަވިއުގައި ނައިބު ރައީސް މި މޭރުމުން ވާހަކަދައްކަވާފައިވަނީ، އޭގެ އެންމެ ދުވަހެއް ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޅުގައި ނަތަންޔާހޫއަށް ތާއީދުކުރައްވާކަން އިއުލާންކުރައްވާފައި ވަނިކޮށެވެ.
މާކް ހެލްޕެރިންއަށް ދެއްވި އެ އިންޓަވިއުގައި ޖޭޑީ ވެންސް ވިދާޅުވީ، އެމަނިކުފާނު ނަތަންޔާހޫއާ ދެކޮޅަށް ވެސް އަދި އެއްކޮޅަށް ވެސް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އިޒްރޭލުގެ އިންތިހާބުގެ އެއްވެސް ކަމެއްގެ ތެރެއަށް އެމަނިކުފާނު ވަދެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އެމަނިކުފާނު ތާއީދުކުރައްވަނީ އެމެރިކާގެ ކެންޑިޑޭޓުންނަށް އެކަނި ކަމަށާއި، މިހާރު މުޅިން ވެސް ސަމާލުކަން ދެއްވައިގެން މަސައްކަތްކުރައްވަނީ އެ ގައުމުގެ މިޑްޓާމް އިންތިހާބަށް ކަމަށް ވެސް ޖޭޑީ ވެންސް ފާހަގަކުރެއްވިއެވެ.
ޖޭޑީ ވެންސް އެންމެ ފަހުން ބޭރު ގައުމެއްގެ ލީޑަރަކަށް ތާއީދުކުރައްވާފައިވަނީ މިދިޔަ އޭޕްރީލް މަހުއެވެ. އެ ފަހަރު އެމަނިކުފާނު ތާއީދުކުރެއްވީ ހަންގޭރީގެ ކުރީގެ ކަނާއަތު ފިޔައިގެ ބޮޑުވަޒީރު ވިކްޓަރ އޯރްބާންއަށެވެ. ނަމަވެސް އެ އިންތިހާބުގައި ޕީޓަރ މާގްޔާރއާ ވާދަކުރައްވައި، ތަފާތު ބޮޑު ނަތީޖާއަކުން ވިކްޓަރ އޯރްބާން ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
ނައިބު ރައީސް ޖޭޑީ ވެންސް މި ނިންމެވުން ނިންމެވިއިރު، އާދީއްތަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޓްރަމްޕްގެ ސަރުކާރުން ވަނީ އިޒްރޭލަށް ހަތިޔާރު ވިއްކުން ކުރިއަށް ގެންގޮސްފައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައާއެކު ވެސް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާނުލައި، ޓްރަމްޕްގެ ސަރުކާރުން ވަނީ އީރާންއާ ދެކޮޅަށް ހަނގުރާމައެއްގެ ތެރެއަށް ވަދެ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ވެސް އިތުރަށް ހަރުކަށިކޮށްފައެވެ.
އެ ނޫހުން ބުނި ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ޖޭޑީ ވެންސް މިހާރު ފާހަގަކުރެވެނީ، އެއްވެސް ޝަރުތަކާ ނުލައި އެމެރިކާއިން އިޒްރޭލަށް ދެމުންދާ ތާއީދާ މެދު ރިޕަބްލިކަން ޕާޓީގެ އެތެރޭގައި އުފެދެމުންދާ ނުރުހުމުގެ ރަމްޒެއްގެ ގޮތުގައެވެ. އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އާންމު ރައްޔިތުންނަށް ތަކެތީގެ އަގުތައް އުފުލި، އެ ނުރުހުން ވަނީ އިތުރަށް ބޮޑުވެފައެވެ. އިޒްރޭލަށް ދޭ އެހީތެރިކަން ކުރިއަށް ގެންދަންޖެހޭ ކަމަށް ޖޭޑީ ވެންސް ވިދާޅުވެފައިވީ ނަމަވެސް، ދެ ގައުމުގެ ގުޅުމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތާ މެދު ރިޕަބްލިކަން ޕާޓީގެ ޔަހޫދީ މެންބަރުންގެ މެދުގައި ވަނީ ޝައްކުތައް އުފެދިފައެވެ.
މިދިޔަ ޖޫން މަހު އީރާންއާއެކު ހަމަލާތައް މެދުކަނޑާލުމަށް ހުށަހެޅުނު ރޭވުމަކާ އިޒްރޭލުން ދެކޮޅުހެދުމުން ވެސް ޖޭޑީ ވެންސް ވަނީ އެ ގައުމަށް ފާޑުވިދާޅުވެފައެވެ. އެ ފަހަރު އިޒްރޭލަށް އަމާޒުކުރައްވައި ޖޭޑީ ވެންސް ވިދާޅުވީ، ގައުމީ ސަލާމަތަށް ކުރިމަތިވާ ކޮންމެ މައްސަލައަކަށް އޮތް ހައްލަކީ ހަމައެކަނި މީހުން މެރުން ކަމަށް ހަދައިގެން އެކަން ހައްލު ނުކުރެވޭނެ ކަމަށެވެ. އަދި އިޒްރޭލަށް މިހާރު ބާކީ ހުންނެވި ހަމައެކަނި ބާރުގަދަ އެކުވެރިޔަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ސިފަކުރައްވައި، ޓްރަމްޕް ދުރުކޮށް އެކަހެރިވާ ފަދަ ކަމެއް ނުކުރުމަށް ވެސް ނަތަންޔާހޫގެ ވަޒީރުންގެ މަޖިލީހަށް ޖޭޑީ ވެންސް ވަނީ އިންޒާރުދެއްވާފައެވެ.
ވެރިކަމުގެ ދެ ދައުރުގައި ވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނަތަންޔާހޫއާއި އެމަނިކުފާނުގެ ކަނާއަތު ފިޔައިގެ ސަރުކާރާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަވާފައެވެ. އެގޮތުން ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެމެރިކާގެ އެމްބަސީ ހުޅަނގު ގުދުސްއަށް ބަދަލުކުރައްވައި، ޖޫލާންގެ އުސްބިންތައް އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމަށް ނިންމި ނިންމުން ވަނީ ރަސްމީކޮށް ބަލައިގެންފައެވެ. މީގެ އިތުރުން، 2015 ވަނަ އަހަރު އެކުލަވާލި އީރާންގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިކުރައްވައި، ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ އެއްފަރާތްކޮށް އަރަބި ގައުމުތަކާއެކު ގުޅުން ގާއިމުކުރުމުގެ އެއްބަސްވުންތަކެއް އެކުލަވާލުމުގައި ވެސް ޓްރަމްޕް ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
އެހެން ނަމަވެސް، ކުރިއަށް އޮތް އިންތިހާބުގައި ޓްރަމްޕްގެ ތާއީދުގެ ސަބަބުން ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ކުރިއެރުމެއް ލިބޭނެ ކަމެއް އަދި ސާފެއް ނުވެއެވެ. އަލްޖަޒީރާއިން ބުނި ގޮތުގައި، ލުބުނާންގައި އިޒްރޭލުން ހިންގާ އަސްކަރީ ހަރަކާތްތައް ހިފެހެއްޓުމަށް ޓްރަމްޕް މަސައްކަތްކުރައްވާ ކަމަށް ބެލެވުމާއި، އީރާންއާ ދެކޮޅަށް ހަމަލާތައް އިތުރަށް ފުޅާކުރުމަށް އެމަނިކުފާނު ދެކޮޅުހައްދަވާތީ، އިޒްރޭލުގެ އާންމުންގެ ހިޔާލު ހޯދުމުގެ ބައެއް ވޯޓުތަކުން ދައްކަނީ ޓްރަމްޕާ މެދު އެ ގައުމުގެ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އޮތް ކަމަށެވެ.
އަންނަ އަންގާރަ ދުވަހު ބާއްވާ މި އިންތިހާބުގެ ކުރިން ނަގާފައިވާ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ވުރެ ކުރީގައި އުޅެނީ ޔަޝާރު ޕާޓީއެވެ. އެ ޕާޓީގެ ލީޑަރު އަދި އިޒްރޭލުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ގާޑީ އައިޒެންކޮޓް ވިދާޅުވެފައިވަނީ، އާ ސަރުކާރެއް އެކުލަވާލުމަށްޓަކައި އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނެއް އުފެއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
