ދ. ކުޑަހުވަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، ކުޑަހުވަދޫ ބަނދަރު ހެދުމަށް ބޭނުންވާ ކޮންކްރިޓް ބްލޮކް މެއި 26 ވަނަ ދުވަހު އެރަށު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށީގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގައި، 103،122 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 5،545 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުމާއި، 180 މީޓަރުގެ ބޭރުތިއްޓެއް ލުމާއި، 372 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުގައި ތޮށި ލުމާއި، 115 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އަދި މީގެ އިތުރުން ވެސް 70 މީޓަރުގެ ދިގު ދެ މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 90 މީޓަރު ދުގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 2،265 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިންގް ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއު އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 83.3 މިލިއަން ރުފިޔާ އަށެވެ.

ދ، ކުޑަހުވަދު ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

ހަތަރުހާހާ ގާތްކުރާ އާބާދީއެއް ދިރިއުޅޭ ކުޑަހުވަދޫއަކީ ދ. އަތޮޅު ވެރިކަން ކުރާ ރަށެވެ. ޖާގައިގެ ދަތިކަން ދިމާވެފައިވާ ކުޑަހުވަދޫގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުން ޖާގަ އިތުރުވެ ދޯނިތަކަށް އެއްވެސް ދަތިކަމެއް ނެތި ޖެޓީއާއި ގާތް ކުރެވި، ރަށަށް އަރާފައިބާ ފަރާތްތަކަށް ލުއިފަސޭހަކަން ލިބިގެން ދާނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.