ދ. ކުޑަހުވަދޫން ފުރައިގެން އއ. ބޮޑުފުޅަދޫއަށް ދަތުރުކުރަމުން ދަނިކޮށް ހަބަރެއް ނުވެގެން އެމްއެންޑީއެފުން ހޯދަމުންދިޔަ ޑިންގީ ފެނި، އޭގައި ތިބި މީހުން މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ، މި ޑިންގީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރުފަހު 13:50 ހާއިރުއެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެ ޑިންގީ ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ.

ކޯސްޓްގާޑުން ކުރި މަސައްކަތުން، މި ޑިންގީއާ ގުޅިފައިވަނީ ރޭ 22:24 ހާއިރުއެވެ. ޑިންގީގެ ފަޅުވެރިންނާ ހަވާލާދީ އެމްއެންޑީއެފުން ބުނީ، ޑިންގީއާ މުއާސަލާތީ ގޮތުން ގުޅުން މެދުކެނޑުނީ އިންޖީނު ހުއްޓި، ފޯނު ރޭންޖު ނުލިބޭ ސަރަހައްދަކަށް ޑިންގީ އޮޔާދިއުމުގެ ސަބަބުން ކަމަށެވެ. އަދި ޑިންގީއާ އަލުން ގުޅުނީ އޮޔާ ގޮސް ރޭންޖު ލިބޭ ސަރަހައްދަކަށް ވަދެވުމުންނެވެ.

ޑިންގީއާ ގުޅުނުއިރު އޭގައި ދެ މީހުން ތިއްބެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ގޮސް، ޑިންގީގައި ތިބި ދެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ މީހުން މިހާރު މާލެ ގެނެސްދީފައެވެ.

މި ހާދިސާގައި ޑިންގީން ދަތުރުކުރި ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.