ދ. ކުޑަހުވަދޫ ބަނދަރު ތަރައްގީކުރުމާއި ތަރައްގީގެ ދެވަނަ ފޭސްގެ ދަށުން ހިންގާ "ޑިޒައިން އެންޑް ބިލްޑް" މަޝްރޫއުގެ ތެރެއިން، އެއްގަމުތޮށި ޖެހުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގައި، 103،122 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 5،545 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުމާއި، 180 މީޓަރުގެ ބޭރުތިއްޓެއް ލުމާއި، 372 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުގައި ތޮށި ލުމާއި، 115 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އަދި މީގެ އިތުރުން ވެސް 70 މީޓަރުގެ ދިގު ދެ މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 90 މީޓަރު ދުގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 2،265 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިންގް ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫއު އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 83.3 މިލިއަން ރުފިޔާ އަށެވެ.
ހަތަރުހާހާ ގާތްކުރާ އާބާދީއެއް ދިރިއުޅޭ ކުޑަހުވަދޫއަކީ ދ. އަތޮޅު ވެރިކަން ކުރާ ރަށެވެ. ޖާގައިގެ ދަތިކަން ދިމާވެފައިވާ ކުޑަހުވަދޫގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުން ޖާގަ އިތުރުވެ ދޯނިތަކަށް އެއްވެސް ދަތިކަމެއް ނެތި ޖެޓީއާއި ގާތް ކުރެވި، ރަށަށް އަރާފައިބާ ފަރާތްތަކަށް ލުއިފަސޭހަކަން ލިބިގެން ދާނެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.
