ނިލަންދެއަތޮޅު ދެކުނުބުރީ ''ވައްލަ'' އަކީ އެއަތޮޅު ކުޑަހުވަދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
''ވައްލަ'' އަކީ އެއަތޮޅުގެ ކުޑަހުވަދޫގެ ބައެއް ކަމުގައި ކަނޑައެޅުއްވީ ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 134ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ދ. ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ދ. ވައްލަ ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.
އެގޮތުން ކުޑަހުވަދޫގެ އިގްތިސާދަށް ފައިދާވާ މަސައްކަތެއް ކުރެވޭނެ ގޮތަށް، ދ. ވައްލަ ހަމަޖެއްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2025 މާރިޗް 5 ގައި ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައެވެ.
މި ޤަރާރު އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.