ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ރަމްޒުކޮށްދޭ ތަނެއްގެ ގޮތުގައި ހަދަން ނިންމާފައިވާ "އައިކޮނިކް ޓަވަރުގެ" މައުލޫމާތު މިއަދު ހިއްސާ ކޮށްފިއެވެ.
މި މައުލޫމާތު މިއަދު ހިއްސާކޮށްފައިވަނީ ހުޅުމާލެއަށް ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ މާސްޓަޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. އެޗްޑީސީ އިން ބުނީ އައިކޮނިކް ޓަވަރަކީ ހުޅުމާލޭގެ 3 އައިޑެންޓިޓީއެއް ހެދުމަށް އިމާރާތްކުރާ ތަނެއް ކަމަށާއި، އެ ޓަވަރުގެ އުސްމިނަކީ 100 މީޓަރު ނުވަތަ 33 ފޫޓު ކަމަށެވެ. މިވަރުގެ އުސްމިނެއްގައި 33 ފްލޯގެ އިމާރާތެއް އެޅޭނެއެވެ.
މި ޓަވަރު އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 ގައި ފަރުކޮޅުފުށި ނިމޭ ހިސާބުގައެވެ. އެޗްޑީސީ އިން ބުނީ ފަރުކޮޅުފުށި ތަރައްގީ ކުރަނީ ލަގްޒަރީ ލިވިން ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާއެކު ކަމަށެވެ. އެތަނުގައި 20 ބީޗް ވިލާއާއި، 60 ގާޑަން ވިލާއާއި، 26 އާބަން ވިލާ އަދި 230 ސާވިސް އެޕާޓްމަންޓް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު އެތަނުގެ ވަށައިގެން ޕްލާޒާ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް، ކްލަބްހައުސް، ރެސްޓޯރަންޓް އަދި ލެޕް ޕޫލް ފަދަ ހިތްގައިމު ވަސީލަތްތައް ގާއިމްކުރާނެކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
އަދި އިވެންޓު ސްޕޭސް ވެސް ފަރުކޮޅުފުށީގައި ގާއިމް ކުރެވިގެންދާއިރު 5 ފަންގިފިލާގެ ހޮޓެލް އިމާރާތެއް އެތަނުގައި ގާއިމްކުރާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އެއީ، 85 ކޮޓަރި ހިމެނޭ އިމާރާތެއްކަން ހާމަކޮށް އެޗްޑީސީއިން ބުނީ އެ ހޮޓަލުގައި ޕޫލް އާއި، އިވެންޓް ހޯލް އަދި ވީއައިޕީ ޕާކިން ހިމެނޭނެކަމަށެވެ.
އިތުރަށް އެޗްޑީސީއިން ބުނީ މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަންއާ އެއްގޮތަށް، ހައުސިންގެ އިތުރުން، ލަގްޒަރީ ލިވިން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށޭ މުހިންމު މަޝްރޫއެއްކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިގްތިސާދު އިތުރަށް ފުޅާވެ، އާއްމު ތަނަވަސްކަން އިތުރުވާނެކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން އެޗްޑީސީ އިން ބުނީ ހުޅުމާލެ މާސްޓާ ޕްލޭންގެ ދަށުން ފޭސް 2 އާއި ފޭސް 3 އެއްފަސްކުރެވިގެންދާނެ ކަމަށާއި، މި ގޮތަށް އެއްފަސްކުރާނީ މިހާރު ފޭސް 1 އާއި 2 ގެ ދެމެދުގައި އޮންނަ ޗެނަލްއާ ހަމައަށް ކަމަށެވެ. އެއާއެކު އެޗްޑީސީ އިން ބުނީ މިކަމުގެ ބޭނުމަކީ ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީ އަށް ބޭނުންވާ ގިނަ ކަންތައްތަކަށް މަގުފަހި ކުރުން ކަމަށެވެ.