ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި އަނެއްކާވެސް ސްކޭމް މެސެޖްތަކެއް ފޮނުވާތީ، އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން ބުނީ ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް އެޗްޑީސީން ނުފޮނުވާނެކަމަށާއި، ވިނަރެސް ފްލެޓަށް އެޕްލައި ކުރުމަށްކަމަށް ބުނެ ދައުރުވަމުންދަނީ ސްކޭމް މެސެޖުތަކެއް ކަމަށެވެ.

މީގެކުރިންވެސް އެޗްޑީސީގެ ނަމުގައި މިފަދަ ސްޕޭމް މެސެޖުތަކެއް ފޮނުވާފައިވާތީ އެކަމަށް ސަމާލުވާން ވަނީ ފުލުހުންވެސް އިލްތިމާސްކޮށްފައެވެ. މިފަދަ ސައްހަ ނޫން ލިންކުތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ރުފިޔާ މީހުންގެ އަތުން ފޭރިގަނެފައިވެސް އެބަ ހުއްޓެވެ.

މީގެއިތުރުން ދިވެހިން މިހާރަކަށް އައިސް އެންމެ ގިނައިން ވިޔަފާރި ކުރާ އޮންލައިން ޕްލެޓްފޯމް "ޓެމޫ" ގެ ނަމުގައިވެސް މި ފަހަކުން ވަނީ ސްކޭމް މެސެޖުތަކެއް ފޮނުވާފައެވެ. މި ސްކޭމްތަކުގައި ހިމެނެނީ ސައްހަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިން މެސެޖްތައް ފޮނުވުމާއި، އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަމެވެ.