އެޗްޑީސީން އިންތިޒާމްކޮށްގެން ބާއްވާ 'ބީޗް ފެސްޓް'ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް އެޗްޑީސީން ދަނީ އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި އެކި ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގަމުންނެވެ.
ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ތެރޭގައި ފޮޓޯ މުބާރާތް އާއިލީ ކާނިވަލް، ހުޅުމާލޭ ޑިސްކައުންޓް ވީކް ، ހެލްތް ކޭމްޕް ، ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކް ، މަސްރޭސް، ސައިކްލިން ޗެމްޕިއަންޝިޕް އަދި ބީޗް ފެސްޓު ހިމެނެއެވެ.
އެގޮތުން ބީޗް ފެސްޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 09:00 އިން އިރުއޮއްސި 18:00 އަށެވެ.
ހުޅުމާލެ ފުަރަތަމަ ފިޔަވަހީގެ ބީޗް ސްޓްރެޗުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބީޗް ފެސްޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 3:30ގެ ނިޔަލަށް ވަނީ އެޗްޑީސީން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
މި ބީޗް ފެސްޓުގައި ކުރިއަށްގެންދާ ކުޅިވަރުތަކުގެ ތެރޭގައި ހިމެނެނީ:
- ޕާކް ވޮލީބޯލް
- ހޭންޑް ބޯލް
- 3 އޮން 3 ބީޗް ފުޓްބޯލް
- ޓަގް އޮފް ވާ
- ކެނޯއި ރޭސް
- ފަލި ޖެހުން
މި ކުޅިވަރުތަކުގެ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކިއުއާރް ކޯޑް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ހަމައެހެންމެ ކުޅިވަރުތަކުގައި ބައިވެރިވެގެން އެއްވަނަ ލިބޭ ކޮންމެ ގުރޫޕަކަށްވެސް 5000 ރުފިޔާގެ ފައިސާ އިނާމު އެޗްޑީސީން ހުށަހަޅާފައި ވެއެވެ.
ހުޅުމާލޭގައި މީހުން އާބަދުވީ 2004 ވަނަ އަހަރުގެ މޭމަހުގެ 12 ވަނަ ދުވަހު އެވެ. ހުޅުމާލޭގައި މީހުން އާބާދުކުރުމަށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމަވައި އެރަށް ހިކަން ފެށުނީ 1997 ގައި އެވެ. އޭރު ހުޅުމާލެ މެނޭޖްކުރަމުން ދިޔައީ ރައީސް އޮފީހުގައި އުފެއްދި ހުޅުމާލެ ޑިވެލޮޕްމެންޓު ޔުނިޓުންނެވެ. ފަހުން އެޔުނިޓުގެ ނަން ހައުސިންގް ޑިވެލޮޕްމެންޓު ކޯޕަރޭޝަނަށް ބަދަލުކުރި އެވެ.