ހުޅުމާލޭގައި ގާއިމުކުރާ މީޑިއާ ވިލެޖާއި، ޔޫތު ސެންޓަރު އަދި މެޑިކަލް ކޮލެޖް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ސިޓީ ހޮޓަލުގެ މަސައްކަތް ނިންމާ އަދި އެތަން ހިންގުމަށް "ވޯލްޑް އޮފް ބިޒްނަސް" އާއި ހަވާލުކޮށްފިއެވެ.

އެޗްޑީސީން ބުނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެ މަސައްކަތާ ކުރިން ހަވާލުވެފައި އޮތް އެސްޓީއޯއާއެކު ސެޓަލްމަންޓް އެގްރީމަންޓަކަށް ދިއުމަށްފަހުގައި ކަމަށެވެ. އެޗްޑީސީން ބުނީ މި ތަންތަން ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 4 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

އެޗްޑީސީން ބުނީ ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑާޑްގެ 158 ކޮޓަރި ތަރައްގީކޮށް މަސައްކަތް ފަށާތާ 9 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ހަމަޖެހިފައިވާކަމަށާއި، މިއީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް މުއިއްޒު ވެފައިވާ ވައުދުފުޅާ އެއްގޮތަށް ތަރައްގީ ކުރެވޭ ޒަމާނީ ހޮޓަލެއް ކަމަށެވެ.

'މެންހަޓަން ގްރޭން ހޮޓެލް' ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސްއިން މި ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓާއެކު ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުނި، ޑީޕް ސީފުޑް ކޮމްޕެނީ އިން ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

2012 ވަނަ އަހަރު އެސްޓީއޯ އިން ސިޓީ ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ފެށި ނަމަވެސް މި މަސައްކަތް ވަނީ ކުރިއަށްނުގޮސް ހުއްޓިފައެވެ. އެއާއެކު 2023 ވަނަ އަހަރު އެޗްޑީސީން ވަނީ ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން އެ އިމާރާތް އެސްޓީއޯގެ އަތުން ނެގުމަށްފަހު އެހެން 2 ބިމެއް ދިނުމަށް ނިންމާފައެވެ.