ހުޅުމާލޭ މުދާ ޖެޓީގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށް ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ސަރަހައްދު ތަރައްގީ ކުރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެހެން ކަމުން އެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެދިފައި ވެއެވެ.
"މި އިއުލާނާއެކު އެއް ކަރުދާސް ކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ އުޅަނދުތައް 14 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 00:00ގެ ކުރިން ނެގުން އެދެން" އެ އިއުލާނުގައި ވެއެވެ.
އަދި އެ މުއްދަތުގައި އުޅަނދުތައް ނުނގައިފިނަމަ އެ އުޅަނދަކަށް ލިބިދާނެ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ ކުރިން ވެސް ހުޅުމާލޭ ފަޅުތެރޭގައި ކުރިއަށް ގެންދާ އެކި މަޝްރޫއުތަކާއި ގުޅިގެން އެ ސަރަހައްދެއްގައި އަޅާފައި ހުންނަ އުޅަނދުތަށް ނަގަން އެޗްޑީސީން އަންގާފައި ވެއެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބިދޭ އެއްބާރުލުން ފާހަގަކޮށް އެ ކޯޕަރޭޝަނުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.