ހުޅުމާލެ ފޭސް 2، ހިޔާ ޓަވަރުތަކުގައި ހަރުކުރާ އިތުރު ލިފްޓްތަކުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީއިން ބުނީ H1 އަދި H2 ޓަވަރުގައި މިހާރު ލިފްޓްތައް ހަރުކޮށް ނިމިފައިވާ ކަމަށާއި، ލިފްޓްތައް ޓެސްޓު ކުރުމަށްފަހު އަންނަ މެއި މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

އިތުރު 2 ޓަވަރެއްގައި ހަރުކުރާ ލިފްޓްގެ މަސައްކަތް ވެސް އަންނަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި ނޮވެމްބަރު މަހުގެ ނިޔަލަށް ހުރިހާ ލިފްޓްތަކެއް ހަރުކުރެވި، ބޭނުން ކުރަން ފެށޭނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީން ހިޔާ ފްލެޓްތަކުގައި ލިފްޓް ހަރުކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔެން ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕަށެވެ. މި މަޝްރޫއުގެ ދަށުން ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން ހަރުކުރާ އެއް ލިފްޓަކީ 16 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށްވާއިރު ދެން ހަރުކުރުމަށް ހަމަޖެހިފައި ވަނީ ސްޓްރެޗަރު އެރުވޭ ވަރުގެ ބޮޑެތި ލިފްތުތަކެވެ. މި ލިފްޓްތައް ހަރުކުރުމާއެކު ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.

ކޮންމެ ހިޔާ ޓަވަރެއްގައި އިތުރަށް 2 ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.