ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމުގައި ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނުގެ މުހައްމަދު ވަހީ އެމާގާމުން ވަކި ކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ، މިއަދު މުހައްމަދު ވަހީދު އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކި ކުރީ ކޮން ސަބަބަކާ ގުޅިގެން ކަން ހާމައެއް ނުކުރެއެވެ.
މުހައްމަދު ވަހީދު އެޗްޑީސީގެ ބޯޑު މެންބަރެއްގެ މަގާމަށް އައްޔަން ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ކުރިން ވަހީދު ވަނީ ވެމްކޯ އާއި ހައުސިން މިނިސްޓްރީގައި މެނޭޖްމަންޓްގެ މަގާމުތައް ފުރުއްވާފައެވެ.
ވަހީދު އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފައިވާ އިރު، މިހާރު އެ ބޮޑުގައި ހިމެނޭ މެންބަރުންނަކީ، މުހައްމަދު މައުރޫފް ޖަމީލް އާއި، އަޒްހަރު އަބްދުﷲ ސައީދު އާއި، އިބްރާހިމް ޔޫސުފް ފުޅު އާއި، މުހައްމަދު ވިޝާމް އާއި، އުލާ މުހައްމަދު ރަޝީދު އާއި، އާރިފް އަބްދުއްސަމަދު އާއި، މުހައްމަދު ނާޖިލްގެ އިތުރުން ފާތިމަތު މިޒްނާ އަލީ އާއި ޔޫސުފް ވަހީދެވެ.