ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ހުސެއިން ޝަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު މި މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެއާއެކު އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން ޝަހީދާ އެކު އިތުރު ދެ ބޭފުޅުން ކުރިމަތިލެއްވިއެވެ. އެއީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމެވެ.
އެ ތިން ބޭފުޅުންނާ ވަކިވަކިން އިންޓަވިއު ކުރުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދިނީ ޝަހީދު އެ މަގާމަށް އައްޔަނުކުރުމަށެވެ. އަދި ހަމައެހެންމެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނުކުރުމާ މެދު ގޮތެއް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވެސް ނިންމާފައިވަނީ ޝަހީދަށް ރުހުން ދިނުމަށެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރު ޝަހީދު އެ މަގާމަށް އައްޔަން ކުރެއްވުމާމެދު ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުން ވަނީ ޝަހީދު އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި އެ މަގާމަށް އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވެއެވެ.
ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވީ އޭނާ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ތަހުގީގު ކުރަން ފެށުމާއެކުއެވެ. ސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުވެސް ވަނީ މަގާމުން ސަސްޕެންޑުކޮށްފައެވެ.
އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ، ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއްގެ އަޑުއެހުމެއް ފަށަން ތައްޔާރުވެފައި ވަނިކޮށް އެ ފަނޑިޔާރުންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރެވޭގޮތް ހެދުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާ، ބިލު ފާސްވެސް ކުރިއެވެ. ނަމަވެސް ބިލު ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ފޮނުވުން ރައީސް ވަނީ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އެ ބިލް އަނބުރާ ފޮނުވާލެއްވީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވުމުންނެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.