ރ. ފައިނުގައި އެއާޕޯޓު އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
ފައިނުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް މި މަހު އެމްޓީސީސީ އާ ހަވާލުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައި ވަނީ ހުސްވި ޖެނުއަރީ މަހުއެވެ.
ރ. އަތޮޅުގެ ރަށްތަކަށް ކުރެއްވި އެ ދަތުރުފުޅުގައި އެ އަތޮޅު ފައިނަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އޭރު ވިދާޅުވީ މިވަގުތު ރ. އަތޮޅުގައި އެއާޕޯޓެއް އޮތީ އިފުރުގައި އެކަނި ކަމަށާއި، އަތޮޅުގެ ގިނަ ރަށްތައް އިފުރާ ދުރުގައި ހުރުމުން، އިތުރު އެއާޕޯޓަކަށް ރައްޔިތުން އުއްމީދުކުރާތާ ގިނަ ދުވަސްތަކެއް ވެފައި ކަމަށެވެ.
އަދި އެއާޕޯޓު އެޅުމުން، އެ ސަރަހައްދުގައި އިތުރު ރިސޯޓުތައް ތަރައްގީކުރެވި، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، މުޅި ސަރަހައްދަށް އިގްތިސާދީ ކުރިއެރުން ލިބޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު އެމްއޭސީއެލްއާއި އެމްޓީސީސީން އެއްބަސްވެފައިވާއިރު، އެމްޓީސީސީން ބުނީ މި މަޝްރޫއަކީ ރައީސްގެ ތަސައްވުރާ އެއްގޮތަށް ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ކުރުމާ އެކު ގައުމާއި ސަރަހައްދުގެ އިގުތިސޯދީ ކުރިއެރުމަށް މުހިންމު މަޝްރޫއެއް ކަމަށެވެ. މި އެ އެއްބަސްވުމުގެ ދަށުން އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓާއި ޑިޒައިނިން މަސައްކަތްތައްވެސް ހިމެނެއެވެ.
އެއާޕޯޓުގެ އިތުރުންވެސް ރައީސް ވަނީ ފައިނުގައި ގިނަ މަޝްރޫއުތަކެއް އިއުލާން ކުރައްވާފައެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާހުކުރެއްވުމުގެ އިތުރުން، ހެލްތު ސެންޓަރު އަޕްގްރޭޑްކުރުމާއި، ފުޓްބޯޅަ ދަނޑެއް އެޅުމާއި، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ހަމައެހެންމެ މި ހުރިހާ މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންދަވާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށާއި، ރައްޔިތުން އެދޭ ކަންކަމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.