ރޯދަ މަހާ ދިމާކޮށް ހުޅުމާލެ ސާފު ކުރުމަށް އެޗްޑީސީން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "ރޯދަ ސާފު" ޕްރޮގުރާމު މި އަހަރު ވެސް ފަށައިފިއެވެ.
ރޯދަ ސާފު ޕްރޮގުރާމަކީ، ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގައި އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމަށާއި ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރުދިނުމަށް ރޯދަމަހާ ދިމާކޮށް އެޗްޑީސީއިން ކުރިއަށްގެންދާ ހަރަކާތެކެވެ.
އެގޮތުން މިއަހަރުގެ ރޯދަ ސާފު އިވެންޓު މިއަދު ފަށާފައި ވަނީ ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދުން ކަމަށް އެޗްޑީސީއިން މައުލޫމާތު ދެއެވެ. އަދި މި އިވެންޓުގެ ދަށުން އަންނަ ރޯދަ މަސް ފެށެންދެން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން ބުނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ އިވެންޓުގައިވެސް ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި އެޗްޑީސީގެ މުވައްޒަފުން އަދި ހުޅުމާލޭގެ ރައްޔިތުން ބައިވެރިވާ ކަމަށެވެ. އަދި މި އިވެންޓުގެ އަމާޒަކީ ހުޅުމާލޭގެ ރީތިކަން ދެމެހެއްޓުމާއި ރޯދަ މަސް ފެށުމުގެ ކުރިން، އެންމެން ގުޅިގެން ރަށުތެރެ ސާފު ކުރުން ކަމަށެވެ.
ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުސްތަގުބަލުގައި ވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.