މަސްވެރިންނާ އޮޑިވެރީން އަދި އާންމު ފަރުދުންގެ ފައިދާއަށްޓަކައި މި އަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި އެސްޓީއޯ ގެ ފިއުލް ސްކިޑް ގާއިމުކޮށް އެސްޓީއޯ ރޭޓުގައި ޑީސަލް ތެޔޮ ވިއްކަން ފެށޭނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ދިވެހި މަސްވެރިކަމަކީ ދިވެހީންގެ އައިޑެންޓިޓީއާއި ދިވެހީންގެ ދެމި ތިބުމާ ގުޅިފައިވާ ގުދުރަތީ އެންމެ މުހިންމު އެއް ހަދިޔާކަމަށާއި ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ، އެންމެ މުހިންމު އެއް ސިޔާސަތުކަމަށެވެ.

މިގޮތުން އަޅުގަނޑުގެ ރިޔާސީ ވައުދެއްކަމުގައިވާ 48 ގަޑި އިރު ތެރޭގައި މަސްވެރީންނަށް ފައިސާ ދެވޭނޭ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި މިހާރުވާނީ ގާއިމުކުރެވިފާ. ހަމަ އެހެންމެ ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީހުރި ފައިސާއާއެކު، މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ، ބެކްލޮގް އެއްކޮށް މިހާރު ވަނީ ހަލާސްކޮށްފަ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި، ވައުދުފުޅާއެއް ގޮތަށް، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމާއި، މަސް ޕްރޮސެސިން ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތްކުރުން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ގާއިމުކުރުމުގެ މަސައްކަތްކުރުމާއި، ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ތެރެއިން ފެލިވަރާއި ގދ ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މިއަހަރު ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2026ގައި ހުޅުމާލޭ ބޮޑުކަންނެލި ފެކްޓްރީއާއި، ހއ. އިހަވަންދޫ، މ. މުލައް، ކޯލްޑް ސްޓޯރޭޖް އަދި ފެލިވަރު މަސް ޕްރޮސެސިން ޕްލާންޓުގެ މަސައްކަތް ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. ގދ. ފިޔޯރީ އާއި ފ. ނިލަންދޫގައި ގާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް އާއި މަސް ޕްރޮސެސިން ޕްލާންޓްތައް 2027ގެ ކުރީކޮޅު ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ގިނަ މަޝްރޫއުތަކަކީ ބޭރުގެ ފަންޑިން އެޖެންސީތަކުން އެހީދީގެން ހިންގާ މަޝްރޫއުތައްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފެލިވަރު ކޯލްޑް ސްޓޯރޭޖަކީ އިންޑިއަން އެގްޒިމް ބޭންކް ލޯނުގެ ދަށުން އަޅާ ފެސިލިޓީއެއް ކަމަށެވެ. އަދި މ. މުލައް އަދި ކޫއްޑޫގެ މަޝްރޫއަށް ފަންޑު ކުރަނީ ސައުދީ ފަންޑުންކަމަށާއި އަދި ހއ. އިހަވަންދޫ ކޯލްޑް ސްޓޯރޭޖާއި، ހުޅުމާލެ ކަންނެލި ފެކްޓްރީއަކީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއެކު ގާއިމުކުރާ ފެސިލިޓީއެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގދ ފިޔޮރީ އާއި ފ. ނިލަންދޫ މަޝްރޫއަށް ފައިނޭންސްކޮށްދެނީ ޗައިނާގެ ލޯން ފެސިލިޓީއަކުން ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މަސްވެރިކަމުގެ ދާއިރާއަށް މި ގެނެވޭ ޒަމާނީ ކުރިއެރުމާއި ނިޒާމީ ހަރުދަނާކަމުގެތެރޭން ވައުދުވެފައިވާ ގޮތަށް މަސްވެރިންގެ ގައުމީ ދަފުތަރެއް އުފައްދާ، އެ ދަފުތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 95 ޕަސެންޓު ރަޖިސްޓްރީކުރެވިފައިވާކަަމށް ރައީސް ވިދާޅުވިއެވެ. މި ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިން ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުސަތާއި އެސްޓީއޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުސަތު މި އަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުންވަނީ ގައުމީ މިފަދަ ކޮންމެ ދާއިރާއެއްގެވެސް ހިދުމަތްތެރީން ދައުލަތުން ޝަރަފާއެކު ބަލައިގަނެ، މި ފަދަ އެތައް ފުރުސަތެއް ފަހިކޮށްދޭން. މިއީ އެއް ގައުމެއް. އެއް އާއިލާއެއް." ރައީސް ވިދާޅުވިއެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ މިއަހަރު ތެރޭގައި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށް ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫގައި، އަދި ސަޢުދީ ފަންޑުގެ ލޯން އެހީގައި ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.

މީގެއިތުރުން 100 ދޯނީގައި އާރްއެސްޑަބްލިއު ސިސްޓަމްތައް ބެހެއްޓުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްލާމިކް ފައިނޭންސްއިން ފެސިލިޓީއެއްގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރްއެސްޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެެ. އާރްއެސްޑަބްލިއު ބޭނުންކުރަން ފެށުމުން މަސްވެރީން އައިސް ގަންނަން ކުރާ ދަތުރު ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަށެވެ.