މާލޭގެ ސެލޫނެއްގައި މަސައްކަތްކުރި ތައިލެންޑުގެ ރައްޔިތެއް ކަމަށްވާ ކަނަކްޕޮން ތަވޮންގްނާގެ މައްޗަށް މޯލްޑިވްސް އިމިގްރޭޝަނުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމާ ގުޅިގެން، އޭނާ އިމިގްރޭޝަނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި ޖުޑިޝަލް ރިވިއުގެ ދައުވާ އަނބުރާ ގެންގޮސް، ސިވިލް ކޯޓުން އެ މައްސަލަ ނިންމާލައިފިއެވެ.

މި މައްސަލައަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި، ގާނޫނާ ހިލާފަށް އުޅޭ ކަމަށް ބުނެ ކަނަކްޕޮން ތަވޮންގްނާ ހައްޔަރުކޮށް، ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދުކުރުމަށްފަހު އޭނާ ޑީޕޯޓްކޮށްލަން ނިންމުމާ ގުޅިގެން ހުށަހެޅި ދައުވާއެކެވެ.

އޭނާގެ ދައުވާގައި ބުނެފައިވަނީ، އޭނާ ހައްޔަރުކުރީ ސެލޫން މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް ރައްޓެހިންނާއެކު ކެއްކުމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށެވެ. އަދި ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލްވެފައި ނުވަނީސް އަދި އެއްވެސް ކުށެއް ނުކުރަނީސް އޭނާއާމެދު ފިޔަވަޅު އެޅީ ގާނޫނާ ހިލާފަށް ކަމަށެވެ. އިނގިރޭސިބަހުން ލިޔަންކިޔަން ނޭނގޭ ހާލަތުގައި، ތަރުޖަމާނަކާ ނުލައި އަދި ސްޕޮންސަރުގެ ޣައިރު ހާޒިރުގައި ބަޔާނެއްގައި ސޮއިކުރުވާފައިވާތީ، އޭނާއަށް ލިބެންޖެހޭ އަސާސީ ހައްގުތައް ކަށަވަރުކޮށްދީފައި ނުވާ ކަމަށް ކަނޑައަޅައިދިނުމަށް ދައުވާގައި އެދިފައިވެއެވެ.

ނަމަވެސް، އެ މައްސަލައިގެ ޝަރީއަތް ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް، އޭނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިމިގްރޭޝަނުން އުވާލައި، އޭނާގެ މިނިވަންކަން އަނބުރާ ލިބުމާ ގުޅިގެން މިދިޔަ މަހުގެ 12 ވަނަ ދުވަހު އޭނާ ވަނީ ދައުވާ އަނބުރާ ގެންދަން ހުށަހަޅާފައެވެ. އެހެންކަމުން ސިވިލް ކޯޓުން ވަނީ ދައުވާ އަނބުރާ ގެންގޮސް މައްސަލަ ނިންމާފައެވެ.