އަންނަ މާޗް މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެއް ގަޑިއިރަށް މީޑިއާ އާ ބައްދަލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރިޔާސީ ބާޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މީޑިއާއެކު ބާއްވަމުން އަންނަ ގާތް ރަހްމަތްތެރި ގުޅުން އިތުރަށް ގާތްކުރުމައްޓަކައި، މީޑިއާއަށް މައުލޫމާތު ދިނުމައްޓަކައި މި އަހަރު ގެ މާޗް މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއަކު އެއްފަހަރު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އެ ގޮތުން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދަތުރުފުޅެއް ކުރައްވަން ޖެހިވަޑައިގަތުން ނުވަތަ އެ ދުވަސް ބަންދު ދުވަހަކާ ދިމާވުން ނުވަތަ އެ ނޫން ވެސް މި ޝެޑިއުލަށް ބަދަލު އަންނާނެ ފަދަ ކަމެއް މެދުވެރިނުވާހާ ހިނދަކު ނޫސްވެރިންނާ ކޮންމެ ހަފްތާއަކު ބައްދަލު ކުރުމުގެ މަތީގައި ދެމިހުންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު މި އަހަަރުގެ މާޗް މަހުން ފެށިގެން ކެބިނެޓްގެ ކޮންމެ ވަޒީރަކު ވެސް ހަފްތާއަކު އެއް ފަހަރު އެއް ގަޑި އިރަށް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބައްދަލުވުމުގެ ތާވަލު ރައީސް އޮފީހުން ހާމަކުރަމުް ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
