ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ޖަވާބުދެއްވައިފިއެވެ.

މި އަހަރު ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ 3 ވަނަ ރިޔާސީ ބަޔާން އިއްވަވާފައެވެ. މި ގޮތުން މި ރިޔާސީ ބަޔާނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ގައުމިއްޔަތާއި، ދީނީ ކަންކަމާއި، އަދި އިގްތިސާދީ ދާއިރާއިން ސަރުކާރުން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށެވެ. އެމަނިކުފާނު ވަނީ ދިވެހި ދައުލަތުގެ ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، އެކަމުގައި ހޯދިފައިވާ ކާމިޔާބީތައްވެސް ތަފްސީލުކޮށް ދެއްވާފައެވެ.

ރައީސްގެ ރިޔާސީ ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ދެއްވި ޖަވާބުގައިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ފާހަގަކުރެއްވިއެވެ. އެގޮތުން ނާޒިލް ދެއްވި ޖަވާބުގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ހާސިލުކުރަންޖެހޭ އެއްވެސް މަގުސަދެއް ހާސިލުވެފައި ނުވާ ކަމަށެވެ. އަދި ގައުމުގެ ހާލަތާއި، އެ ހާލަތު ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރައްވާފައި ނުވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިލު ވިދާޅުވީ، މި އަހަރުގެ ރިޔާސީ ބަޔާނަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު އަދި ފާއިތުވި ދެ އަހަރުގެ ރިޔާސީ ބަޔާނުގެ ”ކުލަ ނެތް ކޮޕީއެއް“ކަމަށެވެ. މިއީ ނާގާބިލު ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވަމުން ނާޒިލް ވިދާޅުވީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރައީސް މުއިއްޒުގެ ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. ސިއްހީ ދާއިރާއިން އާސަންދައިގެ ހިދުމަތް ދަށަށް ގޮސް، ބޯހިޔާވަހިކަމުގެ ސިޔާސަތު ބޮއްސުންލާ، އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުން ނާޒިލް ވަނީ ބޭކާރު ހަރަދުތައް ކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބެލެންސާ، ޔޫސަބަލް ރިޒާވް އަދި ގްރޮސް ރިޒާވްގެ ތަފުސީލުތައް ވަކިވަކިން ހާމަކުރުމަށް ނާޒިލްވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ނާޒިލް ވަނީ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިނގާ ކަމަށާއި، ގައުމު މިސްރާބު ޖަހާފައިވަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް ތުހުމަތުކުރައްވާފައެވެ. ހަމައެއާއެކު، ސަރުކާރުން ބަޖެޓު ފައިނޭންސް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށާއި، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގައި ސަރުކާރު ނުކުޅެދިފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ނާޒިލް، ރިޔާސީ ބަޔާނަށް، ޖަވާބުދެއްވަމުން ދިޔައިރު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މެންބަރުންވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށްފައެވެ.