މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ގައުމީ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އާންމުންނަށް ހުޅުވާލައިގެން ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކޮންގްރެސްއާ ގުޅޭގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު ވިދާޅުވީ، ކޮންގްރެސް ބޭއްވުމަށް މާލެ ސިޓީ ހޯލު ލިބިފައިވާ ކަމަށާއި، އެތަނުގައި ޓެންޓު ޖަހައިގެން އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ކޮންގްރެސްގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މުހައްމަދު ޝިފާޒު ވިދާޅުވި ގޮތުގައި، ކޮންގްރެސްމަނުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އޮތް 986 ބޭފުޅުން މިވަގުތު އެ ޕާޓީގައި އެބަތިބި ކަމަށެވެ. އަދި މިހާރު ރަޖިސްޓްރޭޝަން މަރުހަލާ ކުރިއަށްދާއިރު، މަރުހަލާ ނިމޭއިރު ހުރިހާ ކޮންގްރެސްމަނުންވެސް ރަޖިސްޓްރީ ކުރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ޝިފާޒު ވިދާޅުވީ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދާ ގުޅޭ ބަހުސްތަކާއި ހުށަހެޅިފައިވާ އިސްލާހުތަކާމެދު ގޮތެއް ނިންމާނެކަމަށެވެ. އަދި މާލެ ސިޓީ ހޯލުގައި ކޮންގްރެސް ބޭއްވި ނަމަވެސް، މިއީ އެމްޑީޕީގެ އާންމު މެންބަރުންނާއި ޝައުގުވެރިވާ ކޮންމެ ފަރާތަކަށްވެސް ވަދެ އަޑުއަހައި ބެލޭގޮތަށް ހުޅުވާލެވިގެން ބާއްވާ ސިއްރު ނޫން ކޮންގްރެސްއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޮންގްރެސްގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނެއެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއާ ގުޅޭ ނިންމުންތައްވެސް ނިންމާނެ ކަމަށް ބެލެވެއެވެ.