އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ މަހު ކުރީކޮޅު ބާއްވާ އެ ޕާޓީގެ ކޮންގްރެސް ބާއްވާނީ މާލޭ ސިޓީ ހޯލު ބިމުގައި ޓެންޓު ޖަހައިގެން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކޮންގްރެސް ބޭއްވުމަށް އެމްޑީޕީން ނިންމާފައި ވަނީ މާލެ ސިޓީ ހޯލުގެ ހާމައަށް އޮތް ބިމުގައި ކަމަށެވެ. އަދި އެކަން ކުރިއަށް ގެންދާނީ އެ ތަނުގައި ޓެންޓު ޖަހައިގެން ކަމަށާއި، ކޮންމެ ފަދަ ހުރަހެއް ކުރިމަތިކުރުވި ނަމަވެސް އެމްޑީޕީން ފަސްނުޖެހި މިކަން ކާމިޔާބުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވަމުން ވަހީދު ފާހަގަކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި ގޮތެވެ. އެގޮތުން ޕީއެންސީގެ ކޮންގްރެސް ސޯޝަލް ސެންޓަރުގައި ބޭއްވީ މާލޭގެ އެންމެ ބޮޑު އެއް ސަރަހައްދު ބަންދުކޮށް، އެ ސަރަހައްދުގައި ހުރި ތިން ސްކޫލް ވެސް "ހިސޯރުކޮށްގެން" ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ކޮންގްރެސްގައި ރައިސުލޖުމްހޫރިއްޔާ ވަނީ ހުރިހާ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައިކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ އެމްޑީޕީއަށް ކޮންގްރެސް ބާއްވާނެ ތަނެއް ނުދީ، އެ ޕާޓީން ކޮންގްރެސް ބޭއްވީ މާލޭގެ ތިން ސްކޫލް ހިސޯރުކޮށްގެން ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސްގެ އިންތިޒާމުތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން ވަހީދު ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސްގައި 980 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮންގްރެސްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 20 އިން 25 ގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، އެ ޕާޓީގެ ވެބްސައިޓުން ރަޖިސްޓްރީވުމުގެ އިތުރުން ކޮންގްރެސްގެ މައުލޫމާތުތައް ވެސް ލިބެން ހުންނާނެ ކަމަށެވެ. މީގެއިތުރުން ބައިވެރިންނަށް ކިޓު ދޫކުރުން މި މަހުގެ 29 އަދި 30 ވަނަ ދުވަހު އެމްޑީޕީ ހަރުގޭގައި ކުރިއަށްދާނެ ކަމަށެވެ.
ވަހީދު އިތުރަށް ވިދާޅުވީ، ދިމާވާ އެކި ދަތިތަކާއި އުނދަގޫތަކާ އެކު ވެސް ޕާޓީގެ މެންބަރުންގެ މެދުގައި ކޮންގްރެސްއާ މެދު ބޮޑު ޝައުގުވެރިކަމެއް އެބައޮތް ކަމަށާއި، މެންބަރުންގެ ފުރިހަމަ އެއްބާރުލުމާއެކު ކޮންގްރެސް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށެވެ.
އެމްޑީޕީގެ މި އަހަރުގެ ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.
