"ހިޔާވަހި" ފައިނޭންސިން ސްކީމަށް އެދި ކުރިމަތިލި 2256 ފަރާތްތަކުގެ ތެރެއިން 821 ފަރާތެއްގެ ލޯން އެޕްރޫވް ކޮށްފިއެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދާއިރާއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގަން ފެށި "ހިޔާވެހި ފައިނޭންސިން ސްކީމް" އަކީ ބޯހިޔާވަހިކަމުގެ ދާއިރާއިން ހޯދުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ހިޔާވަހި ފައިނޭންސިން ޕްރޮގްރާމްގެ ސްކީމްތައް:
- ރަށްވެހި ހިޔާވެހި ސްކީމް (ރަށްރަށަށް): އިކުއިޓީއަކާ ނުލައި 1 މިލިއަން ރުފިޔާގެ ލޯން
- ސަހަރު ހިޔާވެހި ސްކީމް (އާބަން ސެންޓަރުތަކަށް): 5-10 ޕަސެންޓް އިކުއިޓީ ބަހައްޓާފަ، 3 މިލިއަން ރުފިޔާގެ ލޯން
- ފަހިމާލެ ހިޔާވެހި ސްކީމް (މާލެ ސަރަހައްދަށް): 5-10 ޕަސެންޓް އިކުއިޓީ ބަހައްޓާފަ، 6 މިލިއަން ރުފިޔާގެ ލޯން
މި ސްކީމްގެ ދަށުން ރަށްވެހި، ސަހަރު އަދި ފަހިމާލެ ލޯނުތަކަށް އެދި ޖުމްލަ 2256 ފޯމު ހުށަހަޅާފައިވާ އިރު، މިހާތަނަށް 821 ފަރާތެއްގެ ފޯމު މިނިސްޓްރީން އެޕްރޫވްކޮށް ބޭންކަށް ވަނީ ފޮނުވާފައި ކަަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެޕްރޫވް ކުރި ލޯނުތަކުގެ ޖުމްލަ އަދަދަކީ 989,617,640.17 ރުފިޔާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
990 މިލިއަން ރުފިޔާގެ ލޯން ދޫކުރަން ނިންމާފައިވާ އިރު، މި ބުރުގައި ދޫކުރަން ހަމަޖެހިފައި ވަނީ 1 ބިލިއަން ރުފިޔާގެ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައި ވެއެވެ.
މާލީ އެކި ސަބަބުތަކުގެ ސަބަބުން މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އެކަމުގެ ޙައްލެއް ގެނެސްދިނުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ދޫކުރާ ހިޔާވެހި ފައިނޭންސް ސްކީމް އިފްތިތާހުކޮށްފައި ވަނީ 2024 އަހަރުގެ ނޮވެމްބަރު މަހުގައެވެ. މި ލޯނު ސްކީމަކީ 5 ޕަސެންޓު އިންޓްރެސްޓްގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ. އެހެންކަމުން މި ޕްރޮގްރާމަކީ ސަރުކާރުން މިހާތަނަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ހިމެނޭގޮތަށް ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ލޯނު ޕްރޮގްރާމެވެ.
