ފެންވަރު ވަޒަންކުރަން ގްރޭޑް 6 ގެ ދަރިވަރުންނަށް މިއަހަރު އާ އިމްތިހާނެއް ބާއްވަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މިފަދައިން ނިންމާފައިވަނީ ގައުމީ މަންހަޖުގައި ހިމަނާފައިވާ ބައިތައް ހާސިލްވާ މިންވަރު ދެނެގަތުމުގެ މަގްސަދުގައެވެ.

އަދި މިދިޔަ އަހަރު ކީ ސްޓޭޖް1 އަދި ކީ ސްޓޭޖް 2ގެ ދަރިވަރުންނަށް އެފަދަ އިމްތިހާނެއް ޓެސްޓު ކޮށްފައިވާކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، ގައުމީ މަންހަޖުގެ އިމްތިހާނުގެ ނަމުގައި މި އަހަރުން ފެށިގެން ދޭން ނިންމާފައިވާ އެ އިމްތިހާނުގެ ނަތީޖާއާ އެކު ރާއްޖޭގެ ދަރިވަރުންގެ ފެންވަރު އެހެން ގައުމުތަކުގެ ދަރިވަރުންނާ އަޅާކިޔޭނެ ކަމަށެވެ.

އޭގެ އިތުރުން ފަށާ ތައުލީމުގެ މުގައްރަރުތައް މުރާޖާކޮށް ކަރިކިއުލަމް އިންޓަގްރޭޝަން މޮޑަލްއެއް ތައްޔާރުކުރުމާ އެކު ކީ ސްޓޭޖް 1ގެ ދަރިވަރުންގެ ފޮތްތައް ތީމެޓިކް ފޮތްތަކުގެ ގޮތުގައި އަލުން އެކުލަވާލުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި އިމްތިހާނުގެ ސަބަބުން އެކިއެކި މާއްދާތަކުގައި ކިޔަވާ ފިލާވަޅުތައް ގުޅުވާލެވި ދަރިވަރުންނަށް ފިލާވަޅުތައް ދަސްކުރަން ފަސޭހަވާނެހެން އުނގެނުމާއި އުގަންނައިދިނުން ބައްޓަންވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.