ރަސްމާލޭގައި ފެށުމަށް ހަމަޖެހިފައިވާ 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން، އަންނަ އަހަރުގެ ކުރީކޮޅު 5،000 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގައި ވޯޓާފްރަންޓާއި މެރީނާ މަޝްރޫއު ކުރިއަށް ގެންދިއުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕާ "އީގަލް ހިލްސް" އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ކުންފުނިން 500 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ދިވެހި ރައްޔިތުންނަށް އެކި ފެންވަރުގެ 5،000 ބޯހިޔާވަހިކަމުގެ ޔުނިޓް ބިނާކޮށްދޭނެ ކަމަށެވެ. އަދި މި ހައުސިން ޔުނިޓްތައް ތަރައްގީކުރުމަށް ސަރުކާރުން އެންމެ ބޮޑަށް އިސްކަންދެނީ ހުޅުމާލޭގެ ސަރަހައްދުގައި ކަމަށްވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.

މި އިންވެސްޓްމަންޓާ ގުޅުވައިގެން ރަސްމާލޭގެ ބިންތައް އީގަލް ހިލްސްއަށް ވިއްކާލަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ދޮގުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެންމެ އިންޗިއެއްގެ ބިންވެސް އެއްވެސް ފަރާތަކަށް މިލްކުވާ ގޮތަށް ނުވިއްކާނެ ކަމަށެވެ. މި މަޝްރޫއު ކުރިއަށްދާނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް، ފަތުރުވެރިކަމުގެ ދާއިރާގައިވެސް ބިން ދޫކުރާ އުސޫލުން 99 އަހަރުގެ ލީޒްގެ ދަށުން ކަމަށާއި، ބިމާއި ހަރުމުދަލުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ބާރުގެ ދަށުގައި ކަމަށް މިނިސްޓަރު ސާފުކޮށްދެއްވިއެވެ.

މީގެއިތުރުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، 20 ބިލިޔަން ޑޮލަރުގެ މި އިންވެސްޓްމަންޓަކީ ރާއްޖޭގެ ޖުމްލަ ޖީޑީޕީ (7.7 ބިލިޔަން ޑޮލަރު) އާ އަޅާބަލާއިރު ގާތްގަނޑަކަށް ތިންގުނަ ބޮޑު އަދަދެކެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ހިންގޭ އެންމެ ބޮޑު މަޝްރޫއަށް ވުމާއެކު، މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ކުރިއެރުންތަކެއް ލިބި، މުޅި އިގްތިސާދު ބަދަލުވެގެންދާނެ ކަމަށް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވިއެވެ.