ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އަދި މަނީލޯންޑަރކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ވޭޕް ކާޓްރިޖްތަކެއް ފުލުހުން އަތުލައިގަނެފިއެވެ.

ސެޕްޓެމްބަރު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި، މަގުމަތިން ދިވެހި ދެ ފިރިހެނުން ހުއްޓުވައި ސުވާލުކޮށް، އެ މީހުން ދުއްވި ސައިކަލާއި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ، އަމާން އުދަރެސް އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި އެ ބަލައި ފާސްކުރުމުގެ ތެރެއިން 156 ވޭޕް ކާޓްރިޖްއާއި ނެނޯ ސްޓިކްގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނޮވެންބަރު 15، 2024 އިން ފެށިގެން ވޭޕް އެތެރެކުރުން މަނާކުރުމަށް ނިންމަވާފައެވެ. އަދި ޑިސެމްބަރު 15 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ވިޔަފާރިކުރުން މުޅިން މަނާވާނެއެވެ.

ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު ފުލުހުންނާއި، ކަަސްޓަމްސް އިންވެސް ސިލްސިލާކޮށް އޮޕަރޭޝަންތަކެއް ހިންގާ، ވޭޕް އަދި ވޭޕާ ގުޅުން ހުރި ގިނަ ތަކެތި ދަނީ އަތުލައިގަންނަމުންނެވެ. އެގޮތުން ހުސްވި މަހު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ކާޓްރިޖް އަތުލައިގަނެފައިވާއިރު، ޖޫން 18 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި އޮޕަރޭޝަނެއްގައި 15,601 ވޭޕް ކާޓްރިޖް އަތުލައިގަނެފައި ވެއެވެ. މިއީ ވޭޕް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމިފަހުން އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓެވެ.