ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަނުކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައި، އެ ޕާޓީގެ ޕްރައިމަރީގައި އެ މަނިކުފާނުގެ ކުރީގެ ނައިބު ފައިސަލް ނަސީމަށް ފުރިހަމަ ތާއީދު ދެއްވަން ނިންމަވައިފި އެވެ.
މިކަން ރަސްމީކޮށް އިއުލާންކޮށްފައި ނުވިނަމަވެސް ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ޕާޓީގެ ރިޔާސީ ޓިކެޓަށް މިފަހަރު އިބޫ ވާދައެއް ނުކުރައްވާނެ އެވެ. އޭގެ ބަދަލުގައި އެ މަނިކުފާނު ނިންމަވާފައި ވަނީ އެމްޑީޕީގެ ޓިކެޓުގައި ފައިސަލް ނެރުއްވުމަށް އެހީތެރިވެދެއްވުމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން އާ ބެހޭގޮތުން ސޯލިހާއި ފައިސަލް ވަނީ މިދިޔަ އާދިއްތަ ދުވަހު ވެސް މަޝްވަރާތަކެއް ބާއްވާފައެވެ. އަދި މި މަޝްވަރާތަކަށްފަހު ރަސްމީކޮށް ދެބޭފުޅުންވެސް ތާއީދު ކުރައްވާނީ ކޮން ކެންޑިޑޭޓަކަށް ކަމާއި، ނޫނީ ދެ ބޭފުޅުންވެސް ވާދަ ކުރައްވާނެކަން ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ފައިސަލް ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނީ މާލޭގެ މޭޔަރު އާދަމް އާޒިމް ރަނިންމޭޓަކަށް ހަމަޖައްސަވައިގެންނެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް ރަސްމީކޮށް އިއުލާނުކުރައްވައި، ކެމްޕެއިން ހަރަކާތްތައް ފައްޓަވާނެ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ފައިސަލް ނަސީމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ތާރީހުގައި ނައިބު ރައީސްކަމުގެ ފުރިހަމަ ފަސް އަހަރުގެ ދައުރެއް ކާމިޔާބުކަމާ އެކު ފުރިހަމަކުރެއްވި ހަމައެކަނި ބޭފުޅާ އެވެ.
ޖުމްހޫރީ ޕާޓީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު، ފައިސަލް އެ ޕާޓީން ވަކިވެވަޑައިގެން ރަސްމީކޮށް އެމްޑީޕީގެ މެންބަރަކަށް ވެވަޑައިގަތީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
