މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ދިވެހިރާއްޖެއާއެކު ގުޅިގެން މަސައްކަތްކުރުމުގައި އދ. އިން ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ދެއްވައިފިއެވެ.

ގުޓަރޭޒް މި ޔަގީންކަން ދެއްވާފައި ވަނީ، އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ދިވެހިރާއްޖެއާއެކު އޮތް އެއްބައިވަންތަކަން ހާމަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހާއްސަ ގޮތެއްގައި ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ ފެންވަރުގައި މޫސުމީ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް އދ. އިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކުވެސް ތަހައްމަލުކުރަން ޖެހިފައިވާ ހަގީގަތެއް ކަމަށާއި، މިކަމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާކަން ބަޔާންކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް އަށް ދިމާވެފައިވާ މައްސަލަތަކުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، އދ. ގެ އާންމު މަޖިލީހުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ދާއިރާތަކުގެ ތެރޭގައި ހިމެނޭ މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ދަރަނީގެ ދެމެހެއްޓެނިވި ކަމާއި، ސިޑްސްގެ އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ (އޭބީއޭއެސް) ތަންފީޒު ކުރުމުގެ އިތުރުން އދ. އިސްލާހުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސަރަހައްދީ ފެންވަރުގައި ކަންބޮޑުވުން އޮތް މައްސަލަތަކުގެ މައްޗަށާއި، ހާއްސަކޮށް ފަލަސްތީނުގެ މިހާރުގެ ނާޒުކު ހާލަތާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.