ގާޒާގައި ހިންގަމުން ދިޔަ ހަނގުރާމަ ހުއްތާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން މިސްރުގެ ވެރިރަށް އަލް ގާހިރާގައި ބޭއްވި "އަރަބް ސިކްސް-ޕާޓީ" މަޝްވަރާ ބައްދަލުވުމުގެ ނިންމުންތަކަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ގާޒާގައި ހިނގަމުން ދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންގެންދާ އެންމެހާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ތާއީދުކޮށް، އެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް ކަމާ ގުޅުން ހުރި އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ. ގާޒާގެ ހާލުގައި ޖެހިފައިވާ ހުރިހާ ސަރަހައްދަކަށް ލަސްނުކޮށް، އެއްވެސް ހުރަހަކާނުލައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަށް ހަލުވިކަމާއެކު އެޅުމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ގާޒާ އަލުން އާރާސްތު ކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބައިނަލްއަގްވާމީ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ދިވެހި ސަރުކާރުން ގަބޫލުކުރާ ގޮތުގައި ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނީ 1967ގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.