ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަކި ގައުމަކަށް ބަރޯސާވާ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް، އެކަން މިހާރު ފަސްލައި ވަޅުލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ގެނެސްދޭ "ނޭޝަން ޗެޓް ޕޮޑްކާސްޓް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އައި ހުރިހާ ސަރުކާރުތަކުންވެސް ވަކި ގައުމަކަށް ބަރޯސާވުމުގެ ސަބަބުން ޖިއޯ ޕޮލިޓިކްސްއަށް ހީނަރުކަން ލިބޭ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހަރުދަނާ ހާރިޖީ ސިޔާސަތެއް އޮތްކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވެސް ގެންގުޅުއްވަނީ އެފަދަ މިނިވަން ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ވަކި ގައުމެއްގެ ޕަޕެޓަކަށް ވާ ގޮތަށް އޮތް އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެއީ ރާއްޖޭގެ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ވެސް ނޫން. އެ ސިޔާސަތު މިދިޔަ ތިން އަހަރު ތެރޭ މަޑުމަޑުން ފަސްލައި، ވަޅުލައި ނިންމާފައި މިހާރު އެ އޮތީ،" ރައީސް ވިދާޅުވިއެވެ.
ރާއްޖެ ވާންޖެހޭނީ ވަކި އަތަކަށް ނުޖެހި، ރައްޔިތުންނަށް ފައިދާވާ ގޮތަށް މެދުގައި ތިބޭ ގައުމަކަށް ކަމަށް ވިދާޅުވަމުން، ރައީސް ވަނީ ހާއްސަކޮށް އިސްލާމީ ގައުމުތަކާ ގާތް ގުޅުމެއް ބާއްވަން ޖެހޭނެކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިނުގަންނަވާތާ 11 އަހަރު ފަހުން، އެ ގައުމަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ދަތުރުފުޅުގައި ވެސް ބެއްލެވީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތްތައް ކަމަށެވެ. ނަމަވެސް، ޕާކިސްތާނާއި އެހެނިހެން ގައުމުތަކާ ދެމެދު ހުންނަ މައްސަލަތަކުގެ ތެރެއަށް ދިވެހިރާއްޖެއިން ނުވަންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
