ސްޕެއިންގެ މެދުތެރޭގެ ސަރަހައްދެއްގައި ރެންފޭގެ ބާރުދުވެލީގެ ރޭލެއް އެހެން ރޭލެއްގައި ޖެހި، މަދުވެގެން 68 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ބީބީސީން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މެޑްރިޑްއިން ފުރައިގެން ސެވިލްއަށް ދަތުރުކުރަމުންދިޔަ ރޭލެއް، ދަގަނޑުމަތީގައި ހުއްޓިފައި އޮތް އެހެން ރޭލެއްގައި ބާރުމިނުގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގެ ބާރުގަދަކަމުން ރޭލުގެ ބައެއް ބައިތައް ވަނީ ދަގަނޑުމަތިން ކަހާލައިގެން ގޮސް ތިރިއަށް ވެއްޓިފައެވެ. މިއީ ޒަމާނީ ތާރީހުގައި ވިލާތުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާގެ އިތުރުން، ފާއިތުވި 13 އަހަރުގެ ތެރޭގައި ސްޕެއިންގައި ހިނގި އެންމެ ގިނަ ބަޔަކު މަރުވި ރޭލު އެކްސިޑެންޓެވެ. މި ހާދިސާއިން ސަލާމަތްވި މީހުން ބުނެފައިވާ ގޮތުގައި، ރޭލު ޖެހުނު ވަގުތު ފަސިންޖަރުން ވަނީ ވައިގެ ތެރެއަށް ވިއްސައިގެން ގޮސް، ރޭލުގެ ބައިތަކުގެ ދަށުގައި ތާށިވެފައެވެ. އަދި ސަލާމަތްވުމަށްޓަކައި ގިނަ ބަޔަކު ވަނީ ރޭލުގެ ކުޑަދޮރުތައް ތަޅާލައިގެން ބޭރަށް ނުކުމެފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މެޑްރިޑްގެ ދެކުނުން ގާތްގަނޑަކަށް 140 ކިލޯމީޓަރު (87 މޭލު) ދުރުގައި އޮންނަ މޯރާ އާއި އޯރގަޒްއާ ދެމެދުގެ ސަރަހައްދެއްގައި، ހެނދުނު 09:00 (08:00 ޖީއެމްޓީ) ހާއިރު ކަމަށް އެ ނޫހުން އިއްޔެ ރިޕޯޓުކޮށްފައިވެއެވެ. ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާރ ޕުއެންޓޭ ވިދާޅުވި ގޮތުގައި، ދަގަނޑުމަތީގައި ހުއްޓިފައި އޮތީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އިރިޔޯއިން ދުއްވާ ރޭލެކެވެ. އަދި 147 ފަސިންޖަރުން ތިބި އެ ރޭލު ދަގަނޑުމައްޗަށް ހުއްޓިފައި އޮތީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން އިރިޔޯއިން ބުނީ، އެ ކުންފުނީގެ ރޭލުގެ ފަހަތުން އައިސް ޖެހުނީ ސްޕެއިންގެ ސަރުކާރު ހިއްސާވާ ރޭލު ކުންފުނި ކަމަށްވާ ރެންފޭއިން ދުއްވި ރޭލެއް ކަމަށެވެ. ފަހަތުން އައިސް ޖެހުނު ރެންފޭގެ ރޭލުގައި އެ ވަގުތު 397 ފަސިންޖަރުން ދަތުރުކުރަމުންދިޔަ ކަމަށް ވެސް އިރިޔޯއިން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާރ ޕުއެންޓޭ ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކަށް ފަހު، އިންސާނީ ހަޠާއެއް ނުވަތަ ފަރުވާކުޑަވުމުގެ ސަބަބުން ހެދުނު ގޯހަކުން ކަމަށެވެ. މިނިސްޓަރު އޮސްކާރ ޕުއެންޓޭ ވިދާޅުވި ގޮތުގައި، ސިސްޓަމަށް އެފަދަ މައްސަލައެއް ދިމާވާ ހާލަތްތަކުގައި ރޭލުތަކުގެ ކޮންޓްރޯލް ނަގަނީ މެޑްރިޑްގައި ހުންނަ 24 ގަޑިއިރު ހިދުމަތްދޭ ކޮންޓްރޯލް ސެންޓަރަކުންނެވެ. ނަމަވެސް، އެ ސެންޓަރުން ވަނީ ދުވެލި މަޑުކުރުމުގެ އެއްވެސް ޝަރުތެއް ނެތި، އަލުން ރޭލުތައް ދުއްވުމަށް ގަބޫލުކުރަން ދަތި ނިންމުމެއް ނިންމައި އަންގާފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ މި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ޓްރޭޑް ޔޫނިއަން (ސީއެސްއައިއެފް) އިން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލާފައެވެ. އެ ޔޫނިއަނުން މިނިސްޓަރަށް ތުހުމަތުކޮށްފައިވަނީ، މި ހާދިސާގެ ޒިންމާ ނެންގެވުމުގެ ބަދަލުގައި، ކޮންޓްރޯލް ރޫމުގައި ހެދުނު ގޯހެއްގެ ބޮލުގައި އެކަން އަޅުވައި، ޓްރެފިކް މެނޭޖަރަކު ގުރުބާނީގެ ކަންބަޅިއަކަށް ހައްދަވަން މަސައްކަތްކުރައްވާ ކަމަށެވެ.

ރެންފޭގެ ރޭލުގައި އިން އުމުރުން 62 އަހަރުގެ ސަލްވަދޯރ އަރީޒާ ރޮއިޓާސްއަށް ވާހަކަދައްކަމުން ބުނީ، ދެ ރޭލު ޖެހުނުލެއް ނުހަނު ބާރުގަދަ ކަމަށެވެ. އެ ވަގުތު ފަސިންޖަރުން ރޭލުން ނުކުތުމަށްޓަކައި ކުޑަދޮރުތައް ތަޅާލަން ފެށި ކަމަށާއި، ބައެއް މީހުން ގޮނޑިތަކުގެ ދަށުގައި ތާށިވެފައި ތިބުމުގެ ސަބަބުން ހަރަކާތް ނުކުރެވިފައި ތިބި ކަމަށް އޭނާ ބުންޏެވެ. އަދި ރޭލުގެ އެއް ބައިގައި އަލިފާން ރޯވިއިރު، ރޭލުގެ ބައިތަކުގެ ދަށުގައި ތާށިވެ، ޒަހަމްވެގެން ލޭއޮހޮރެމުންދިޔަ މީހުން ރޮމުންދިޔަ ހިތާމަވެރި މަންޒަރުތައް ފެނުނު ކަމަށް ވެސް ފަސިންޖަރުން ކިޔައިދިނެވެ. މީގެ އިތުރުން، އިރިޔޯގެ ރޭލުގައި ދަތުރުކުރި އުމުރުން 22 އަހަރުގެ ޓަންގީ ބިނިއޭ ބުނި ގޮތުގައި، ރޭލު ހުއްޓުނު ވަގުތު ފޮށިތަންމަތިތައް ވައިގެ ތެރޭގައި އުދުހި، މީހުން ހަޅޭއްލަވަމުން ދިޔައެވެ. އެ ތަނުގައި ދުމާއި ހާސްކަން ބޮޑުވެފައި އޮތް ކަމަށާއި، ރޭލުން ބޭރަށް ނުކުތްއިރު ރޭލު އެއްކޮށް ފުރޮޅާލާފައި އޮއްވައި ފެނުނު ކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ ބައްޕަ ވަނީ އުނަގަނޑު ބިނދިފައި އޮތް އަންހެން ކުއްޖަކު ރޭލުގެ ބައިތަކުގެ ތެރެއިން ނަގައިގެން ނެރެދީފައި ކަމަށާއި، މަރުވެފައިވާ މީހުންގެ ހަށިތަކާއި ބުރިވެފައިވާ ގުނަވަންތައް ފެނުމުން އެ ސަދުމާއިން އަރައިގަނެވޭނެ ކަމެއް ނޭނގޭ ކަމަށް ވެސް ބިނިއޭ ބުންޏެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު ރެންފޭ ރޭލުގެ ކެފެޓީރިއާއަށް ދިއުމަށް ހިނގާފައި ދިޔަ، އެލް ޕައީސް ނޫހުގެ ނޫސްވެރިޔާ އެންޓޯނިއޯ ޖިމެނެޒް ބާކާ ބުނީ، ފަހަތުން މީހަކު ކޮށްޕާލައި ބިންމައްޗަށް ވައްޓާލި ކަހަލަ އިހުސާސެއް ކުރެވުނު ކަމަށެވެ. އޭނާގެ ބޯ ވަރަށް ބޮޑަށް ޖެހި، މުޅި މީހާ ލެއިން ތަތްތެޅިފައި އޮތްއިރު، އޭނާގެ ގައިމަތީގައި ވެސް އެހެން މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން އެކެއްގެ އަތަށް އަދި އަނެކެއްގެ ބޮލަށް އަނިޔާވެފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. ހަމައެއާއެކު، އެ ރޭލުން ދަތުރުކުރި އުމުރުން 46 އަހަރުގެ ސެބާސްޓިއަން ހެރޭރޯ ބުނީ، ގާތްގަނޑަކަށް ހަތަރު ނުވަތަ ފަސް ސިކުންތު ވަންދެން އޭނާ ވައިގެ ތެރޭގައި އޮތް ކަމަށާއި، ނޭފަތާއި އަތް ބިނދިފައި ތިބި އެތައް ބަޔަކު ފެނުނު ކަމަށެވެ. އަދި ޓީވީ ސްޓޭޝަނަކަށް ދިން އިންޓަވިއުއެއްގައި ފަސިންޖަރަކު ވަނީ، އޭނާގެ އަތްމަތީގައި އޮވެ އަންހެނަކު މަރުވި ގޮތް ރޮމުން ކިޔައިދީފައެވެ.

މި ހާދިސާ ހިނގި ސަރަހައްދަށް އެތައް އެމްބިއުލާންސެއް ގޮސްފައިވާއިރު، އެންމެ ސީރިއަސްކޮށް ޒަހަމްވި މީހުން ވަނީ ހެލިކޮޕްޓަރެއްގައި އެ ސަރަހައްދުން ނެރެފައެވެ. ސްޕެއިންގެ ސިވިލް ގާޑުން ބުނެފައިވަނީ، މަރުވި ބައެއް މީހުން ދެނެގަތުމަށްޓަކައި އެ މީހުންގެ އާއިލާތަކުގެ ޑީއެންއޭ ސާމްޕަލް ބޭނުންވާނެ ކަމަށެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި ވާހަކަދައްކަވަމުން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، މުޅި ސްޕެއިން އޮތީ ފުން ހިތާމައެއްގައި ކަމަށެވެ. އެތައް ބައެއްގެ ދިރިއުޅުން ސުންނާފަތިވެ، އާއިލާތައް ރޫޅި، ލިބިފައިވާ ވޭން ނުހަނު ބޮޑު ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި އެއް އަހަރުގެ ތެރޭގައި ސްޕެއިންގައި ނުރައްކާތެރި ދެ ރޭލު އެކްސިޑެންޓް ހިނގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމުގެ އަޑިއަށް ފީނައި، އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބައްލަވާނެ ކަމަށް ޕެޑްރޯ ސަންޗޭޒް ވައުދުވެވަޑައިގެންނެވިއެވެ.

މި ހާދިސާ ހިނގާފައިމިވަނީ، ހަމަ މި ރޭލު ލައިންގެ ދެކުނުން އޮންނަ ކޯޑޯބާ ކައިރީގައި މިދިޔަ ޖެނުއަރީ މަހު ހިނގި ބާރުދުވެލީގެ ރޭލު އެކްސިޑެންޓެއްގައި 46 މީހުން މަރުވި ހާދިސާގެ ސަދުމާއިން ގައުމު އަރައިނުގަނެވި އޮއްވައެވެ. މީގެ އިތުރުން، 2013 ވަނަ އަހަރު ސްޕެއިންގެ ހުޅަނގު އުތުރުގައި އޮންނަ ސެންޓިއާގޯ ޑި ކޮމްޕޮސްޓެލާގެ ބޭރުގައި ހިނގި ރޭލު އެކްސިޑެންޓުގައި 80 މީހުން މަރުވި ހާދިސާއަށް ފަހު، އެ ގައުމުގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓަކީ މިއީއެވެ.