އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ދިވެހިރާއްޖެ އާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު މެކްސިމް ރައިޒެންކޯވްއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއާއި ބެލަރޫސްގެ ރައްޔިތުންނަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި 30 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި އެތެރެވެވޭނެއެވެ. އަދި އެއް އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ދަތުރުކުރާ ނަމަ، ގިނަވެގެން 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ހުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ޓްރާންސިޓްކުރުމުގައި ވެސް މި ލުއިފަސޭހަ ލިބިގެންދާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ދެ ގައުމުގެ ހާރިޖީ ވަޒީރުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އިރުތިޝާމް ވިދާޅުވިއެވެ. އަދި ބެލަރޫސް ސަރުކާރުން ރާއްޖެއާ މެދު ބާއްވާ ގާތް ގުޅުމަށް އެކަމަނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމާ ދިމާކޮށް ބެލަރޫސްގެ ގައުމީ އެއާލައިން، ބެލާވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު މި ދަތުރުތަކާއި ވިސާގެ ލުއިފަސޭހަކަމާއެކު، ބެލަރޫސްއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މި އެއްބަސްވުމާއެކު ބެލަރޫސްގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.