އދ ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު، ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އިސްވެ ހުންނެވި ދިވެހި ވަފުދުން މަޖިލީހުގެ މާލަން ދޫކޮށް ނިކުމެެއްޖެއެވެ.

ނިއުޔޯކްގައި ކުރިއަށްދާ މި ބައްދަލުވުމުގައި ބުރާސްފަތި ދުވަހު ނަތަންޔާހޫ ޕޯޑިއަމާ ކައިރިވުމާއެކު، ރާއްޖޭގެ އިތުރުން އެހެން ގިނަ ގައުމުތަކެއްގެ މަންދޫބުން ވެސް ވަނީ މާލަން ދޫކޮށް ނުކުމެފައެވެ. އޭގެ ތެރޭގައި ފަލަސްތީނު، ތުރުކީ، އީރާން، ސައުދީ އަރަބިއްޔާ، ގަތަރު، ޕާކިސްތާން، އިންޑޮނޭޝިއާ، ދެކުނު އެފްރިކާ އަދި ސްޕެއިން ފަދަ ގައުމުތައް ހިމެނެއެވެ.

ރޮއިޓާސްއާއި އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫގެ ތަގުރީރުގެ ކުރިން 77 ގައުމެއްގެ މަންދޫބުން ވަނީ މާލަން ދޫކޮށް ނުކުމެފައެވެ. މީގެ ސަބަބުން އޭނާ ތަގުރީރުކުރި ވަގުތު މާލަމުގެ ބޮޑު ބައެއް އޮތީ ހުސްކޮށެވެ.

މަންދޫބުން ނުކުތުމާ ގުޅިގެން ނަތަންޔާހޫ ވަނީ، މާލަމުން ނިކުންނަން ބޭނުންވެފައި ތިބި އިތުރު "ފިނޑިން" އަދިވެސް ތިބި ނަމަ މިހާރު ނިކުތުމަށް އެދޭ ކަމަށް ބުނެފައެވެ. އޭނާގެ ތަގުރީރުގައި ވަނީ އިޒްރޭލުން ގާޒާއާއި ލުބުނާނުގައި ހިންގަމުންދާ ލާއިންސާނީ ހަމަލާތަކުގެ ދިފާއުގައި ވާހަކަދައްކާފައެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ދިވެހި ވަފުދުން މާލަން ދޫކޮށް ނުކުތީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ރާއްޖެ އޮތްކަން ހާމަކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާފުގެ އިތުރުން ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ދެއްކުމުގެ ގޮތުން ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިޒްރޭލު ޖަވާބުދާރީކުރުވުމަށް ރާއްޖެއިން ގޮވާލައި ގޮވާލުން ތަކުރާރުކުރާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ދަށުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރެއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށާއި، އިސްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަގުވާމީ މިންތަކުގައި ގޮވާލަމުންނެވެ. އަދި ބައިނަލްއަގުވާމީ ކޯޓުތައް މެދުވެރިކޮށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މީގެ ކުރިން 2024 އަދި 2025 ވަނަ އަހަރުގެ އދ ގެ އާންމު މަޖިލީހުގައި ވެސް ނަތަންޔާހޫ ތަގުރީރުކުރި ވަގުތު ގިނަ ގައުމުތަކެއްގެ މަންދޫބުން ވަނީ މާލަން ދޫކޮށް ނުކުމެފައެވެ.

އދ ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވި ނައިބު ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުންތަކުގެ ހަވާސާގައި ނައިބު ރައީސް ދަނީ އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދޭދޭ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވަމުންނެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 26 ގައެވެ.