ސައުދީ އަރަބިއްޔާގެ އިންޓަނޭޝަނަލް ދެ އެއާޕޯޓަކަށް ދީފައިވާ ހަމަލާތަކުގައި އެއްވެސް ދިވެހި ރައްޔިތަކަށް އަސަރުކޮށްފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ބުނީ ދެ އެއާޕޯޓަކަށް ދީފައިވާ ހަމަލާތަކާގުޅިގެން، މިނިސްޓްރީން ދަނީ އެެެކަން ގާތުން ބަލަމުންކަމަށާއި، މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު މިހަމަލާތަކުގައި އެއްވެސް ދިވެހި ރައްޔިތަކަށް ގެއްލުން ނުވާކަމަށެވެ.

ސައުދީ އަރަބިޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ސައުދީ ރަސްމީ އިދާރާތަކާއި ހަވާލާދީ ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ސައުދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން (ޖީސީއޭ) ހާމަކޮށްފައިވާގޮތުގައި، މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ 4 ރައްޔިތުންނާއި، ބަންގްލަދޭޝްގެ 2 މީހުންގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްތީން، ސީރިޔާ، ސޫދާން އަދި މިސްރުގެ ކޮންމެ ގައުމަކުން 1 މީހެކެވެ. މީގެ އިތުރުން މި ހަމަލާގައި 309 މީހުން ޒަހަމްވެފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާއާ ގުޅިގެން އެއާޕޯޓުގެ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، ސައުދީ އިސްވެ އޮވެ ޔަމަނުގައި ހަރަކާތްތެރިވާ ކޯލިޝަނުންވަނީ މި ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު، ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މިއީ ސަރަހައްދީ ސަލާމަތަށް ކުރިމަތިވި ސީދާ ނުރައްކަލެއް ކަމަށް ބުނެ ގަތަރު، މިސްރު، އުރުދުން އަދި އޮމާން ފަދަ ގައުމުތަކުންވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ.

ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ފަށާފައިވާ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން، ރިޔާޒަށް ދެމުންގެންދާ ހަމަލާތައް އިތުރުވެފައިވާއިރު މީގެ ދެ ދުވަސް ކުރިން އެއާޕޯޓަށް ދިން ހަމަލާއެއްގައި ޕައިލެޓަކާއެކު ސައޫދީގެ ތިން ރައްޔިތުންވަނީ މަރުވެފައެވެ.