ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިނުކުރެއްވުމުން، ސަފީރަކު މަގާމުން ވަކިކުރެއްވި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ހަބަރަކީ މުޅިން ހަގީގަތާ ހިފު، އަދި އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފިއެވެ.
ވެރިކަން ކުރާ ޕީއެންސީއަށް ސޮއި ނުކުރެއްވުމުން ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު މަގާމުން ވަކިކުރި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ހަބަރާއި ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ވަކިކޮށްފައިވާ ސަފީރަކީ ޖެނުއަރީ 3، 2024 އިން ފެށިގެން އެމްބެސެޑާ އެޓް ލާޖްގެ ގޮތުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ހާރިޖީ ވުޒާރާގެ ސިޔާސީ މަގާމެއްގައި ހުންނެވި ފަރާތެއްކަމަށާއި ސަފީރެއްގެ ގޮތުގައި އައްޔަނު ކުރައްވާފައިވަނީ އޮކްޓޯބަރު 30، 2024 ގައިކަމަށެވެ.
ސަފީރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ކަންކަން ހިނގަމުންދާ އުސޫލުތައް ތަފްސީލުކޮށްދެމުން ފޮރިން މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގެ ދަށުން ސަފީރުން މަގާމަށް އައްޔަންކުރުމާ ވަކިކުރުމަކީ ވަކި ހާއްސަ އުސޫލުތަކެއްގެ މަތިން ހިނގަމުންދާ ކަމެއް ކަމަށެވެ. އެގޮތުގެ މަތީން ސަފީރުން ވަކިކުރުމުގެ ނިންމުންތައް ނިންމަމުންދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކަމަށް އެމިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ފޮރިން ސާވިސްގެ މުވައްޒަފުންނަށް ފޮރިން ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށެވެ. އެގޮތުގެ މަތީން، ފޮރިން ސާވިސްގެ މުވައްޒަފުން ގާނޫނާ ހިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ސަރުކާރުން މަޖުބޫރެއް ކޮށްފައިނުވާނެ ކަމަށާއި އެހެންކަމުން މުވައްޒަފުންނާ ގުޅޭގޮތުން ސާބިތުނުވާ މައުލޫމާތު އާންމު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
