ވ. އަލިމަތާ ކައިރީގައި އޮތް ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީގެ ޓޫރިސްޓުންތަކެއް ހޯދުމުގެ ނުރައްކާތެރި ރެސްކިއު އޮޕަރޭޝަނެއްގައި އުޅެނިކޮށް ނިޔާވި ސިފައިންގެ އޮފިސަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއަށް އިޓަލީވިލާތުން ހިތްވަރު ގަދަކަމުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފިއެވެ.
މަހުދީއަށް އެރުވުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ސަރުކާރުން އާދަޔާހިލާފު ހިތްވަރުގަދަކަމުގެ އަގުވަޒަން ކުރުމަށް ދޭ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" ގެ ޝަރަފެވެ. ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީން ސޯޝަލް މީޑީއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުގައި، މި އެވޯޑު ދޭން ނިންމީ އިޓަލީގެ ޑައިވަރުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި މަހުދީ ދެއްކި އާދަޔާހިލާފު ހިތްވަރާއި، އިންސާނިއްޔަތަށްޓަކައި ކުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މި ހާދިސާއާ ގުޅިގެން، ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީ އާއި މާލޭގައި ހުންނަ އެ ގައުމުގެ އޮނަރަރީ ކޮންސުއުލާ އެޖެންސީން ވަނީ މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ފަންޑްރެއިޒިންގް ހަރަކާތެއްވެސް ފަށާފައެވެ. "މަހުދީ މެމޯރިއަލް ފަންޑް" ގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ މި އެކައުންޓަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު މި އަހަރުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެމްބަސީން ބުނެއެވެ.
މިއަހަރުގެ މެއި މަހު ހިނގި މި ހާދިސާގައި، އަލިމަތާ ކައިރި 60 މީޓަރު އަޑީގައިވާ ކޭވްއަކަށް ގެއްލުނީ އިޓަލީގެ ހަތަރު ޓޫރިސްޓުންނާއި އެ މީހުން ގޮވައިގެން ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރެކެވެ. އެ މީހުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް، ސިފައިންގެ ޑައިވަރެއް ކަމަށްވާ މަހުދީ ނިޔާވީ ޑީކޯ ވެގެން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
