އެމެރިކާގެ އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ އެކްސިޑެންޓަކުން ކަމަށް ސައުތު ކެރޮލައިނާގެ ގްރީންވިލް ޕޮލިސް ޑިޕާޓްމަންޓުން ނިންމައިފިއެވެ. ގްރީންވިލް ޕޮލިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ، މެޑިކަލް އެގްޒަމިނަރުގެ ނިންމުމަށާއި ތަހުގީގުން ހޯދުނު ހޯދުންތަކަށް ބިނާކޮށް، އޭނާގެ މަރަކީ އެކްސިޑެންޓެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ބޭސް އޯވަޑޯޒްވެގެން އޭނާ މަރުވި ކަމަށް މެޑިކަލް އެގްޒަމިނަރުގެ ރިޕޯޓުގައި ބުނެފައިވާތީ، އެ އިދާރާއިން ކުރިއަށްގެންދިޔަ ތަހުގީގު މިހާރު ނިންމާލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

”ހީރޯސް“ އަދި ”ނެޝްވިލް“ ފަދަ އުފެއްދުންތަކުން މަޝްހޫރުކަން ހޯދި އުމުރުން 36 އަހަރުގެ ޕެނެޓިއޭ، ސައުތު ކެރޮލައިނާގެ ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮއްވައި ފެނުނީ އޮގަސްޓް 16 ގައެވެ. ގްރީންވިލް ކައުންޓީ ކޮރޮނާސް އޮފީހުން މިދިޔަ ސެޕްޓެންބަރު މަހު ބުނެފައިވާ ގޮތުގައި، އޭނާ މަރުވީ ފެންޓަނިލް އާއި ޒެނެކްސްގެ އިތުރުން މަސްތަކަށް ލުއިދޭ ބޭހެއް ކަމަށްވާ މެތޮކާބަމޯލް އަދި ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ބޭނުންކުރާ ކުއެޓިއަޕީން ފަދަ ބޭސްތަކުގެ ވިހަ އަސަރު ހަށިގަނޑަށް ކޮށްގެންނެވެ. އޭނާއަށް ފަރުވާދިނީ ހިތް ހުއްޓިފައި ވަނިކޮށް ކަމަށާއި، އޮޓޮޕްސީ ރިޕޯޓުން އޭނާގެ ހަށިގަނޑުގައި އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެ އޮފީހުން ބުންޏެވެ. ފުލުހުންގެ ރިޕޯޓުން އެނގޭ ގޮތުގައި، އިމަޖެންސީ ހިދުމަތްދޭ ފަރާތްތަކުން އެ ތަނަށް ދިޔައިރު، ޕެނެޓިއޭއަށް ގެވެށި އަނިޔާކުރި ކަމަށް އެއްބަސްވެފައިވާ އޭނާގެ ކުރީގެ ލޯބިވެރިޔާ ބްރަޔަން ހިކަސަން އާއި އޭނާގެ ބޭބެ ޒެކް އެ ތަނުގައި ތިއްބެވެ.

މި މައްސަލައިގައި ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގައި އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޖެންސީ (ޑީއީއޭ) އިންވެސް ބައިވެރިވި ކަމަށާއި، ޕެނެޓިއޭ މަރުވި ހާލަތު އެ އިދާރާއިން ތަހުގީގުކުރަމުންދިޔަ ކަމަށް ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، ޑީއީއޭއިން ތަހުގީގުކުރަމުންދިޔައީ ކޮން ކަމެއް ކަމާ ގުޅޭގޮތުން ގްރީންވިލް ޕޮލިސް ޑިޕާޓްމަންޓުގެ ތަރުޖަމާނަކަށް ވަކި އެއްޗެއް ބުނެވިފައެއް ނުވެއެވެ. އަދި ޑީއީއޭގެ ތަހުގީގު ނިމުނުކަން ސާފުވެފައި ނުވާއިރު، އެކަމާ ގުޅޭގޮތުން ބަސް ހޯދުމަށް އެ އިދާރާއަށް ގުޅާފައިވާ ކަމަށް ބީބީސީން ބުންޏެވެ.