އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް އިސްމާއީލް އުލްދު ޝެއިހް އަހުމަދާ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ބައްދަލުވުން ކުރިއަށްދިޔައީ އިރާގުގެ ވެރިރަށް ބަގުދާދުގައި މިހާރު ކުރިއަށްދާ އޯއައިސީގެ ކައުންސިލް އޮފް ފޮރިން މިނިސްޓާސް (ސީއެފްއެމް) ގެ 52 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ. މިއީ މޮރިޓޭނިއާގެ ކުރީގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އިސްމާއީލް އުލްދު ޝެއިހް އަހުމަދު، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ދާދި ފަހުން ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި، އޯއައިސީން ކުރަމުންދާ މަސައްކަތްތަކަށާއި އެ ޖަމާއަތުގެ އިސްނެގުންތަކަށް ރާއްޖެއިން ވަރަށް ބޮޑަށް ތާރީފުކުރާކަން މިނިސްޓަރު އިރުތިޝާމް ފާހަގަކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެ ޖަމާއަތުގެ ހަރަކާތްތެރި މެންބަރެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް އެކަމަނާ ދެއްވިއެވެ.

މީގެ އިތުރުން އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކުރުމާއި މުސްލިމް އުންމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. ރާއްޖެއިން ވަނީ ފަލަސްތީނުގެ މައްސަލައާއި މޫސުމީ ބަދަލުތަކުން އަރައިގަތުމާއި އަންހެނުން ބާރުވެރިކުރުވުން ފަދަ ކަންކަމުގައި އޯއައިސީގެ ތެރެއިން މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މި މަހުގެ 17 އިން 18 އަށް ބަގުދާދުގައި ކުރިއަށްދާ 52 ވަނަ ސީއެފްއެމް ބައްދަލުވުމަކީ 45 އަހަރަށްފަހު އިރާގުގައި ބާއްވާ އޯއައިސީގެ ފުރަތަމަ ބައްދަލުވުމެވެ.

“ސުލްހައާއި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށްޓަކައި މަޝްވަރާއާއި އެއްބައިވަންތަކަން” މި ޝިއާރުގެ ދަށުން ބާއްވާ މި ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލައާއި، ސަރަހައްދީ ހަމަނުޖެހުންތަކުގެ އިތުރުން އިސްލާމޯފޯބިއާއާ ދެކޮޅަށް މަސައްކަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

ރާއްޖެއިން އޯއައިސީގެ މެންބަރަކަށް ވެފައިވަނީ 20 ޖުލައި 1976 ގައެވެ. މިއަހަރަކީ ރާއްޖެއިން އެ ޖަމާއަތާ ގުޅުނުތާ 50 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރާ އަހަރުކަމަށްވާއިރު، މި ވޭތުވެދިޔަ ފަސް ދިހަ އަހަރުގެ ތެރޭގައި ރާއްޖެއިން ވަނީ އިސްލާމީ ގައުމުތަކުގެ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.