ރަސްމާލޭގައި ހިންގާ އީގަލް ހިލްސްގެ މަޝްރޫއުގެ މުޅި އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ މި މަސައްކަތް ގެންދަނީ ކޮންމެހެންވެސް ދެފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ ރައްޔިތުން ތަމްސީލުކުރާ މައި އިދާރާކަމަށްވާ މަޖިލީހުގެ ހާއްސަ ކޮމިޓީއަށް މަޝްރޫއާ ގުޅޭ އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށެވެ. އަދި ރިއަލް އެސްޓޭޓާ ގުޅޭގޮތުން އެކުލަވައިލާ ބިލު ގާނޫނަކަށް ހެދުމުގެ ކުރިން ރައްޔިތުންގެ ހިޔާލަށް ހުޅުވާލާނެކަމަށް އެ މަނިކުފާނު ވިދާލުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ރިއަލް އެސްޓޭޓް ޕްރޮޕަޓީ ގަތުމުގައި ދިވެހިންނަށް ވަކި ލިމިޓެއް ނެތް ނަމަވެސް، އެއް ގައުމެއްގެ ރައްޔިތުންނަށް 25 ޕަސެންޓަށްވުރެ ގިނަ ޕްރޮޕަޓީ ނުވިއްކޭގޮތަށް ގާނޫނުގައި ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާރުވެސް އަމަލުކުރަމުންދާ ގޮތަށް، ހާއްސަކޮށް އިޒްރޭލާއި ޒަޔަނިސްޓް ޔަހޫދީންނަށް ރާއްޖެއިން އެއްވެސް ފުރުސަތެއް ނުދޭނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ މި މަޝްރޫއާ މެދު ބައެއް ފަރާތްތަކުން ކިލަނބު ތަސައްވުރެއް އުފައްދަން މަސައްކަތްކުރަނީ ސިޔާސީ ހިޔާލު ތަފާތުވުންތަކާ ހުރެ ކަމަށެވެ. އަދި ގައުމުގެ ލާބައާއި މަންފާއަށްޓަކައި ކުރާ މި މަސައްކަތަށް ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.