ބިންވެރިޔާ ސްކީމުގެ މައްސަލައާއި ގުޅިގެން ސަސްޕެންޑްކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަަހައްޓައިފިއެވެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ އެ އިދާރާއިން ތަހުގީގުކުރަމުން ދާ ބިންވެރިޔާ ސްކީމްގެ މައްސަލައާއި ގުޅިގެން ފަޒީލްގެ ފޯނު މިއަދު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަަމަށެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ވެރިފައި ކުރުމެއް ނެތި ގޯތި ދޫކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފެންމަތިވެފައިވާއިރު ފުލުހުން ވަނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައެވެ.

ބިންވެރިޔާ ސްކީމުން ގޯތި ހައްގު ނޫން ބަޔަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެމްޑަބްލިއުއެސްސީގެ ބޯޑުން ފަޒީލް ސަސްޕެންޑްކޮށްފައިވާއިރު، އޭނާގެ ކޮއްކޮ އިބްރާހީމް ފަޒުލް ރަޝީދުވަނީ އެޗްޑީސީގެ އެމްޑީކަމުން އިސްތިއުފާ ދީފައެވެ. އަދި ފުލުހުން ވަނީ މި ދެމީހުން ހިމެނެ ގޮތަށް 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައެވެ.

އެޗްޑީސީގެ ލިޔެކިޔުންތަކެއް ފޯޖުކޮށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ދިން މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވާއިރު، ފުލުހުން ބުނީ އެ މުއްއްސަސާއިން ބަލަމުން ދަނީ ޑޮކިއުމެންޓުތަކެއް ފޯޖުކޮށްފައިވާ މައްސަލަ ކަމަށެވެ.