ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ މުއާމަލާތްތައް މަޑުޖައްސާލަން އެ ކުންފުނީގެ އޮޑިޓަރު އަންގައިފިއެވެ.

އިއްޔެ، އެޗްޑީސީގެ ޗީފް އިންޓާނަލް އޮޑިޓަރު ނެރުނު އިންޓާނަލް މެމޯއެއްގައިވާ ގޮތުން، އެ ކުންފުނިން ހިންގާ މާލީ ގިނަ މުއާމަލާތްތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން އަންގާފައިވާއިރު "ބިންވެރިޔާ ސްކީމް"އާ ގުޅޭ ހުރިހާ މުއާމަލާތްތަކާ، ބިމާއި ކޮމާޝަލް އަދި ރެސިޑެންސް ޔުނިޓްތައް ދޫކުރުމުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން އިމަޖެންސީ ހާލަތެއްގައި މެނުވީ އެއްވެސް ޕްރޮކިއުމެންޓް މުއާމަލާތެއް ނުހިންގުމަށް ވަނީ އަންގާފައެވެ. އަދި ފައިސާ ދެއްކުމުގެ އެއްވެސް މުއާމަލާތެއް ނުކުރަން ވެސް މެމޯގައި އަންގާފައިވާއިރު އެއްވެސް މުވައްޒަފަކު ވަކިކުރުމާއި އަލަށް މަގާމުތަކަށް މީހުން ނެގުން މަޑުޖައްސާލުމަށްވެސް ވަނީ އަންގާފައެވެ.

އެޗްޑީސީއިން ކުންފުނީގެ މުއާމަލާތްތައް ހުއްޓާލުމަށް އަންގާފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ވެރިފައި ކުރުމެއް ނެތި ގޯތި ދޫކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފެންމަތިވެ، އެ މައްސަލައިގެ ތަހުގީގު ފުލުހުންވަނީ ފަށާފައެވެ.